އާ އަހަރަށް މަރުހަބާ ކިޔަން ކުލަގަދަ ހަރަކާތްތަކެއް ކާނިވަލްގައި ބާއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން އިއުލާނު ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓުގައި ހިއްސާ ކުރި ވީޑިއޯ އެއްގައި ވާގޮތުން ރާއްޖޭގެ މަޝްހޫރު ތަރިންނާ އެކު ކާނިވާ ސަރަހައްދުގައި އާ އަހަރު ފާހަގަ ކުރުމަށްޓަކައި ވަރަށް ކުލަގަދަ ހަރަކާތެއް އޮންނާނެ ކަން ވަނީ އިއުލާނު ކޮށްފައެވެ.

އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން މި ޝޯ ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ.

އަދި ޝޯ ކުރިއަށް ދާނީ ލޭޒާ ލައިޓްތަކާއެކު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

"ވެލްކަމް 2020" ގެ ނަމުގައި ބާއްވާ މި ޝޯގައި ރާއްޖޭގެ ގިނަ ތަރިން ބައިވެރިވާނެ ކަންވެސް އެ މިނިސްޓްރީގެ ވީޑިއޯއިން ޓެރައިލާއިން ފެނިގެން ދެއެވެ.

އާ އަހަރުގެ ޝޯ އަކީ ކުރީގެ ސަރުކާރުން ކުލަގަދަކޮށް ފާހަގަކުރަމުން އައިސްފައިވާ އިވެންޓެކެވެ.

އެގޮތުން ބޭރުގެ މަޝްހޫރު ފަންނާނުން ރާއްޖެ ގެނެސް މީގެކުރިން ވަނީ އާ އަހަރުގެ ޝޯ ބާއްވާފައެވެ. އެ ހަރަކާތްތަކުގެ ތެރެއިން ރާއްޖެ ގެނައި ފަންނާނުންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި އޭކަން އަދި އަރްމާން މަލިކް ފަދަ ފަންނާނުން ހިމެނެއެވެ.