މާލެ މަޖިދީ މަގުގައި މިރޭ ބިދޭސީ ދެ ގްރޫޕަކުން މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މިރޭ 7 ޖަހާ ހާއިރު މަޖީދީ މަގުގައި ބިދޭސީ 2 ގްރޫޕަކުން މާރާމާރީ އެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ.

އަދި އެ މާރާމާރީގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލާފައި ވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އަނިޔާވި ބިދޭސީގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.

އެ މާރާމާރީގައި ބައިވެރިވެފައި ވަނީ ހަތަރު ބިދޭސީން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ މާރާމާރީ ހިންގާފައިވަނީ މާލޭ މަޖީދީ މަގުގައި ހުންނަ "ސިކްސް އެކްސް" ފިހާރަ ކައިރީގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. މަޖީދީ މަގުގެ އެ ސަހަރައްދަކީ ހެނދުނާއި ހަވީރު ގިނަ އްދަދެއްގެ ބިދޭސީން މަސައްކަތް ހޯދަން އެއްވެ ތިބޭ ސަރަހައްދެކެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދު ދައުލަތުގެ މުއައްސަސާތަކަށް ސާފު ނުވާ އިރު، ބިދޭސީން ބައިވެރިވެގެން ހިންގާ މާރާމާރީ ތަކާއި، ވައްކަމާއި ފޭރުމާއި އަދި އެނޫންވެސް ކުށްތައް ދަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ.

ރާއްޖޭގައި ބިދޭސީންގެ ކަންކަން ބެލުމާ ހަވާލުވެ ހުރި މިނިސްޓްރީން ކުރިން ބުނެފައިވަނީ ބިދޭސީންގެ މައްސަލަ ވަރަށް އަވަހަށް ހައްލު ކުރާނެ ކަމަށެވެ. އަދި ބިދޭސީންގެ މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ އިކޮނޮމިކް މިނިސްޓަރު އިސްތިއުފާ ދެއްވަންވެސް ވިދާޅުވިއެވެ.