މުޅި ދުނިޔެ އަތު ތެރެއަށް ލެވުނު ގޮތަށް އެ އަތުން ދޫކޮށްލަން ނޭނގި ތިބި ކިތަންމެ ބަޔަކު މި ރާއްޖޭގައިވެސް އެބައުޅެއެވެ. ދުނިޔެ ހިތަކަށް ލިބުމުގެ އިހުސާސް އެބަޔަކަށް ކުރެވޭ ސްމާޓްފޯނު ހިފައިގެން ނޫނީ ފާހާނާއަށްވެސް ނުދެވޭ މީހުން މަދެކޭ ނުދެންނެވޭނެއެވެ. ވަކިން ހާއްސަކޮށް އޮފީސް މާހައުލުގައި މިއީ އާންމު ކަމެކެވެ. މަސައްކަތުގެ ބުރަކަމުން ލުޔެއް ހޯދާ، އިޖުތިމާއި ވިއުގާގެ މަސްތުގައި ޖެހިލަން އޮފީސް މުވައްޒަފުން ފާހާނާގައި ހޭދަކުރާ ވަގުތަކީ، ކޮފީ މޭޒުދޮށުގައި ހޭދަކުރާ ވަގުތަށްވުރެ ކުޑަ ވަގުތެކޭވެސް ނުދެންނެވޭނެއެވެ.

ކަންމިހެން އޮތްއިރު، މިއީ ބޮޑު މައްސަލައަކަށްވެގެން ހޯދުނު ހައްލެއް ނެތެވެ. ފާހާނާގައި މީހަކު ހޭދަކުރާނެ ވަގުތު ކަނޑައެޅުމަކީ ޚުދުމުޚުތާރު ގައުމެއްގައިވެސް ކުރާނެ ކަމެއްހެނެއް ހިއެއް ނުވެއެވެ. ނަމަވެސް، މިކަމަށް އާދަޔާ ހިލާފު ހައްލެއް މިހާރު އެބައޮތެވެ. އެއީ "ސްޓޭންޑަޑް ޓޮއިލެޓް"ގެ ނަމުގައި އިނގިރޭސި އިންޖިނިއަރު މަހާބިރު ޖިލް ތައާރަފުކުރި ފާހާނާ ތައްޓެވެ.

ސްޓޭންޑަޑް ޓޮއިލެޓް ފަރުމާކޮށްފައިވަނީ ފަހާނާ ތަށީގެ ކުރީކޮޅުން ބިމާ ދިމާލަށް ވާގޮތަށް 13 ޑިގްރީ ކަތިކޮށެވެ. ޖިލް ބުނާ ގޮތުގައި މި ފާހާނާ ތަށި މަތީގައި މީހަކަށް ހަމަޖެހިލައިގެން އެންމެ ގިނަވެގެންވެސް އިނދެވޭނީ 5-7 މިނެޓްއެވެ. ޖިލް ބުނާ ގޮތުގައި ބިމާ ދިމާލަށް ވާގޮތަށް 13 ޑިގްރީ ކަތިކޮށް ހުއްޓާ އެ ފާހާނާ ތަށި މަތީގައި އިށީނދެގެން މާ ގިނައިރު ހޭދަކުރަންވެއްޖެ ނަމަ ފަޔަށް ކުރާ ވޭނާ ބުރަ ބޮޑުވެގެންދެއެވެ. އަދި ބޭ އިހުތިޔާރުގައި ފާހާނާ ތަށި މަތިން ތެދުވަން މަޖުބޫރުކުރުވައެވެ.

ޖިލް ބުނާ ގޮތުގައި އޭނާ އެއްކުރި މައުލޫމާތަށް ބަލާއިރު، މުވައްޒަފުން ބޭކާރު ގޮތުގައި ފާހާނާގައި ހޭދަކުރާ ވަގުތުގެ ސަބަބުން އަހަރެއްގެ މައްޗަށް އިނގިރޭސި ކުންފުނިތަކަށް 4 ބިލިއަން ޕައުންޑުގެ ގެއްލުންވެއެވެ. އެހެންކަމުން ސްޓޭންޑަޑް ޓޮއިލެޓްއަކީ މިކަމަށް އޮތް ބިނާކުރަނިވި ހައްލެއް ކަމަށް ޖިލް ވަކާލާތު ކުރެއެވެ.

13 ޑިގްރީ ތިރިއަށް ވާ ގޮތަށް ކަތިކޮށްފައިވާ ސްޓޭންޑަޑް ޓޮއިލެޓް ފާހާނާ ތަށި ހަރުކޮށްފައިވާ ފާހާނާއެއް/ފޮޓޯ: ސްޓޭންޑަޑް ޓޮއިލެޓް

އޭނާގެ އާ ފަރުމާއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖިލް ބުނީ، ކޮންސަލްޓިންގް އިންޖިނިއަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރިއިރު ފާހާނާ ތަށިމަތީގައި މީހުން ނިދާ މައްސަލައާއި، އާންމު ފާހާނާތަކުގައި މީހުން ތޮއްޖެހޭ މައްސަލަތައް އިންތިހާއަށް ކުރިމަތިވެފައިވާކަމަށެވެ. މިކަމަށް ހައްލެއް ހޯދަން ފެށި އަމިއްލަ މީހާއަށް އެކަމުގެ ސަބަބުން ތަކުލީފު ކުރިމަތިވާން ފެށުމުން ކަމަށްވެސް ޖިލް ބުނެއެވެ.

ކަންމިހެން އޮތްއިރު، 13 ޑިގްރީއަށް ތިރިއަށް ކަތިކޮށްފައި ހުންނަ ފާހާނާއެއްގައި މާ ގިނަ ވަގުތު އިންނަންވެއްޖެ ނަމަ ސިއްހީ މައްސަލަތަކެއްވެސް ކުރިމަތިވެދާނެކަން ފާހަގަކުރަންޖެހެއެވެ.