ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރ. މަޑުއްވަރީގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި މަޑުއްވަރިން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، މަޑުއްވަރިން ހައްޔަރު ކުރި 3 މީހުންގެ ބަންދަށް 10 ދުވަސް އިތުރު ކުރުމަށް ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ. މަޑުއްވަރިން ހައްޔަރު ކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް މިމަހު 18 ވަނަ ދުވަހު ވެސް ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މިމަހު 19 ވަނަ ދުވަހުން ފެށިގެން މަޑުއްވަރީގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރާއި، 34 އަހަރާއި 29 އަހަރުގެ 3 މީހެކެވެ. ފުލުހުން ވަނީ އެމީހުން އުޅުނު ގެތަކުން ވަނީ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި، ސައްހަ ނޫން ކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

"އައްސޭރި" ނަމުގައި ހިންގާ މި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ވަނީ 7 ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށްފައެވެ. އަދި އިތުރު ދެ ގެއެއް ބަލާފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ފަށާފައި ވަނީ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާ ދެކޮޅަށެވެ.

މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.