ހަރުކަށި ފިކުރަށް ތާއިދުކުރުމުގެ ތުހުމަތުގައި އއ. މާޅޮހުން މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ހަރުކަށި ފިކުރަށް ތާއިދުކޮށް، އެ ފިކުރު ފެތުރުމާއި، ދަރިން ބެލުމުގައި އިހުމާލުވެ އެ ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުން މަހުރޫމުކޮށް ބައެއް ދަރިން 18 އަހަރު ނުފުރެނީސް ކޯޓުން ބޭރުގައި ކާވެނި ކުރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރު ކޮށްފައި ވަނީ މިއަދު 11:44 ހާއިރު ކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
18 އަހަރު ނުފުރޭ ކުދިން މީހުންނާއި ކައިވެނިކުރުވުމުގެ މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކޮށްފައި ވޭތޯ ސުވާލުކުރުމުން އެ މިނިސްޓްރީން ބުނީ، މިކަމުގެ އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީން ހިއްސާ ކުރެވެން ނެތް ކަމަށެވެ.
ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި މާޅޮހުން މީހަކު ހައްޔަރު ކޮށްފައިވާއިރު، މިމަހު 18 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސަލާމަތީ ބާރުތަކުން ދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ހާއްސަ އެ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ އުމުރުން 30 އަހަރާއި، 34 އަހަރާއި 29 އަހަރުގެ 3 މީހަކު ހައްޔަރުކޮށްފައެވެ.
މަޑުއްވަރީން ހައްޔަރު ކުރި މީހުން އުޅުނު ގެތަކުން ވަނީ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި، ސައްހަ ނޫން ކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މީހުންގެ ބަންދަށް ދެފަހަރެއްގެ މަތިން ވަނީ 10 ދުވަހުގެ މުއްދަތެއް ވެސް ޖަހާފައެވެ.
މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ފަށާފައި ވަނީ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާ ދެކޮޅަށެވެ.
މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.