ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް، ސިނަމާލެ ބްރިޖުގެ ދަގަނޑުތަކުގައި ދަބަރު ޖެހުމުގެ މައްސަލަ ހައްލު ކުރުމަށް ބޮޑު ދިރާސާއެއް ހެދުމަށް ފަހު، އެ މަސައްކަތް ފަށާފައިވާ ކަމަށް ޗައިނާ ސަފީރު ޒިއާންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖުގެ ދަބަރު ފިލުވުމުގެ މަސައްކަތް ހަނދާން ނުނެތޭ ކަމަށެވެ. އަދި ބްރިޖުން ދަބަރު ނުފިލަނީ ރާއްޖޭގެ ކަނޑުގެ ލޮނުގެ ސަބަބުން ކަމަށާއި ނަމަވެސް ސީސީސީސީ ކުންފުންޏާއި ޝިއަމަން ޔުނިވާސިޓީން ގުޅިގެން އެއް އަހަރުގެ ދިރާސާތަކާއި އެކްސްޕެރިމަންޓުތައް ހަދާފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވީ، އެކްސްޕެރިމެންޓްތަކަށް ފަހު އާ މެޓީރިއަލްތަކެއް ބޭނުން ކޮށްގެން އަލުން ކުލަލާން ފަށާފައިވާ ކަމަށެވެ.

ސަރުކާރާއި ސީސީސީސީ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ދެ އަހަރުވަންދެން ބްރިޖު ބެލެހެއްޓުމުގެ މަސައްކަތް ކުރަން އެ ކުންފުނިން ކުރަން ޖެހެއެވެ. މިދިޔަ އަހަރު އޮގަސްޓުގައި ހުޅުވި ސިނަމާލެ ބްރިޖުގެ ދެ ފަރާތުގައި ޖަހާފައި ހުރި ދަގަނޑުތަކުގައި ދަބަރު ޖަހާތީ ސީސީސީސީން އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ފަހުން އެ މަސައްކަތް މަޑުޖައްސާލިއެވެ.