ރޭ ދަންވަރު މީހެއްގެ އަތުން ފޭރެން އުޅެ، އެމީހާގެ އަތަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލި ހާދިސާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ފުލުހަށް ރިޕޯޓު ކުރީ 23:26 ހާއިރެވެ. އެ ހާދިސާގައި އަނިޔާވީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ހަމަލާ ދިނީ އޭނާވެ ވޮލެޓު އަތުލަންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ރޭ 12 ޖަހަން ކައިރިވެފައި ވަނިކޮށް ކާނިވާ ސަރަހައްދުގައި ހިނގި އެ ހާދިސާގައި ޒަހަމްވި މީހާގެ އަތް ވަރަށް ފުންކޮށް ކަފައިގެން ގޮސްފައިވާ ކަމަށާއި، އޭނާގެ އަތުގެ ކުޑަހުޅުން މަތިން 3 އިންޗިއެއްހާ ފުން މިނަށް ކަފައިފެން ގޮސްފައިވާ ކަމަށެވެ. ހަމަލާގެ ސަބަބުން ޒަހަމްވި މީހާ ރޭ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.

އެ ހާދިސާ ތަހުގީގު ކުރުމުގެ ތެރެއިން ސުވާލު އުފެދޭ ކަންތައްތައް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދާ ކަމަށް ފުލހުން ބުނެއެވެ. ފުލުހުން ބުނީ، އެ ހާދިސާގައި އަނިޔާވި މީހާ އަކީވެސް ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.