ޕާކިސްތާނުގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ ޖެނެރަލް ޕަރްވޭޒް މުޝައްރަފުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް 2020 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ތަވާލުކޮށްފިއެވެ.

ގައުމަށް ގައްދާރުވިކަމުގެ ކުށުގައި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު މުޝައްރަފުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފުކޮށްދިނުމަށް އެދި މުޝައްރަފުގެ ވަކީލުންގެ ޓީމުން ލާހޯރު ހައިކޯޓަށް 86 ސޮފުހާގެ ޕެޓިޝަން ހުށަހެޅީ ހުކުރު ދުވަހުއެވެ.

ޕެޓިޝަންއާއި ގުޅިގެން ބާއްވާ ފުރަތަމަ އަޑުއެހުން ތަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހަށެވެ. އިސްތިއުނާފު އަޑުއެހުން ކުރިއަށް ގެންދާނީ ފަނޑިޔާރު މަޒާހިރު އަލީ އަކުބަރު ނަގުބީ އިސްކޮށް ހުންނަވާ ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ވިދާޅުވެ، މުޝައްރަފު އަދިވެސް އަމިއްލަފުޅަށް އަރުވާލެވިގެން ދިރިއުޅުއްވަމުން ގެންދަވަނީ ދުބާއީގައެވެ.