ރޭ ދަންވަރު މީހެއްގެ އަތުން ފޭރެން އުޅެ، އެމީހާގެ އަތަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލައިފިއެވެ. ރޭ 12 ޖަހަން ކައިރިވެފައި ވަނިކޮށް ކާނިވާ ސަރަހައްދުގައި ހިނގި އެ ހާދިސާގައި ޒަހަމްވި މީހާގެ އަތް ވަރަށް ފުންކޮށް ކަފައިގެން ގޮސްފައި ވާހަކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، ޒަހަމްވި މީހާގެ އަތުގެ ކުޑަހުޅުން މަތިން 3 އިންޗިއެއްހާ ފުން މިނަށް ކަފައިފެން ގޮސްފައި ވާ ކަމަށެވެ.

ރޭގެ ހާދިސާގައި ޒަހަމްވީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ހަމަލާ ދިނީ އޭނާވެ ވޮލެޓު އަތުލަންކަމަށް ފުލުހުން ބުނެއެވެ.

ހަމަލާގެ ސަބަބުން ޒަހަމްވި މީހާ ރޭ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.

ރޭގެ އެ ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ނުބުނެއެވެ.

ކާނިވާ ސަރަހައްދަކީ، ސީސީ ޓިވީ ކެމެރާ ހަރުކޮށް ބަލަހައްޓަމުން ދާ ސަރަހައްދެއްކަން ފާހަގަ ކޮށްލެވެއެވެ.