އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު (ސީއޭއޭ)އާއިއެކު އެގައުމުގައި ދާހިލީ ފެންވަރުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ހުއްޓިފައިވާ ސަމާލުކަން އެހެން މިސްރާބަކަށް ބަދަލުކުރުމަށްޓަކައި، ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގައި އިންޑިއާއިން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ޖައްމުއާއި ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ސަރަހައްދު ހުރަސްކޮށް ދެގައުމުގެ މެދުގައި ހަމަލާތަކެއް ބަދަލުކޮށް ބައެއްގެ ފުރާނަ ގެއްލުނުތާ ކުޑަ ވަގުތުކޮޅެއް ފަހުން ޖޭލަމް ޑިސްޓްރިކްޓްގައި ކުރިއަށްދިޔަ ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، އިންޑިއާއިން ކޮށްފާނެ ކޮންމެ ފަދަ ކަމަކަށް ރައްދު ދިނުމަށްވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން އޮތީ ތައްޔާރަށް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ ކަޝްމީރުގެ މައްސަލައާއި ސީއޭއޭގެ މައްސަލައާއި ގުޅިގެން އިންޑިއާގައި އުފެދިފައިވާ ދާހިލީ މައްސަލަތަކަށް އަމާޒުވެފައިވާ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކޮށްލުމަށްޓަކައި ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން ކޮންމެ ފަދަ ކަމެއް ކޮށްފާނެ ކަމުގެ އިންޒާރު، ޕާކިސްތާނުން ދެމުންދާތާ މިހާރު 5 ވަރަކަށް މަސްދުވަސްވެފައިވާކަމަށެވެ.

އަދި މޯދީ ކުރައްވަމުން ގެންދަވާ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާ، އެއީ ވެރިކަމުން އެމީހަކު ވައްޓާލާނެ ކަމެއް ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

މިދަނޑިވަޅަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ހީނަރު ގުޅުން އިތުރަށް ނުރައްކާވެ، ހަނގުރާމައެއްގެ ތުންފަތް މައްޗަށް ވެއްޓިފައިވާ ދަނޑިވަޅެކެވެ.