ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 75 މައްސަލަ މިދިޔަ ނޮވެމްބަރު މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓުކޮށް، އެ މިނިސްޓްރީން އެޓެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 75 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 23 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު، ޖިންސީ ހާނިއްކައިގެ 21 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 20 މައްސަލަ އަދި ނަފްސާނީ ހާނީއްކައިގެ 5 މައްސަލަ ވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭގޮތުން އިތުރަށް ރިޕޯޓް ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ދެ މައްސަލަ، ނަހަމަގޮތުގައި ބޭނުން ކުރުމުގެ މައްސަލައެއްގެ އިތުރުން ނަހަމަގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ މައްސަލައެއް ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ 9 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމާއި، ވެކްސިން ނުދިނުމާއި، އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ މައްސަލަތައް ހިމެނެއެވެ. އަދި އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ނެގެއްދުމާއި ސިއްހީ ފަރުވާއަށް ހުރަސް އެޅުމުގެ މައްސަލަތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އާއިލީ 30 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާ ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 16 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 10 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވި ހަތަރު މައްސަލައެއް ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ދެ މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށާއި، އޭގެ ތެރޭގައި މާރާމާރި ހިންގުމުގެ މައްސަލައެއް ވެސް ހިމެނޭ ކަމަށެވެ. މިދިޔަ މަހު، ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 10 މައްސަލަ ހުށަހަޅައިފައިވާއިރު، އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ހަތަރު މައްސަލައާ، އެހެން ކުދިންނަށް ގަނާކުރުމާއި ފުރައްސާރަ ކުރުމުގެ ދެ މައްސަލައިގެ އިތުރުން ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލައެއް ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ މިދިޔަ ނޮވެމްބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 14 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓު ކޮށްފައި ވެއެވެ. މީގެ އިތުރުން، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ފަސް މައްސަލަ، ފާރަލުމުގެ ދެ މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ ދެ މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ދެ މައްސަލަ ހިމެނެއެވެ. އަދި އިހުމާލުވުމުގެ މައްސަލައަކާއި، ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް، މުދާ ހިފެހެއްޓުމާއިި މުދަލައް ގެއްލުން ދިނުމުގެ މައްސަލައެއްގެ އިތުރުން މާލީ ނުވަތަ އިގްތިސޯދޫ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ މައްސަލައެއް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން 17 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 11 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަ މައްސަލައެވެ. އަދި މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 2 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.