ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ބޯފަޅައިގެން ހިނގައްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިރޭ 7:18 ހާއިރު ގދ. ތިނަދޫ އަބޫބަކުރު ސްކޫލް ކުރިމަތިން ދެ ސައިލަކު ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އެކަކުގެ ބޯފަޅާއިގެން ގޮސްފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އޭނާގެ އުނަގަނޑާއި ކަނާތު ފައުފައު ރިއްސާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ، މި ދެމީހުން ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިި ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި ދެ މީހުންގެ އަތުގައި ވެސް ލައިސެންސް އޮތް ކަމަށް ފުލހުން ބުނާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިރޭ ތިނަދޫގައި އެކްސިޑެންޓެއް ހިނގާފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ، މެންދަމު 1:22 ހާއިރު ސިނަމާލެ ބްރިޖް ކައިރީ ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަށް އަނިޔާއެއް ވެފައި ނުވާއިރު، އެ އެކްސިޑެންޓުގައި ހިމެނޭ 3 ކާރާއި 2 ސައިކަލު އަދި ޖިޕަށް ވަނީ އެކަވަރުގެ ގެއްލުން ވެފައެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް މަތިން ބާރު ސްޕީޑުގައި މާލެއާ ވީ ކޮޅަށް ދުއްވާފައި އައި ޖިޕެއް ކޮންޓްރޯލް ނުވެ ގޮސް ކަމަށްވީއިރު، އެ ޖިޕު ދުއްވި 27 އަހަރުގެ ބަންގްލަދޭޝް ޑްރައިވަރުގެ ލައިސެންސް މިހާރު ވަނީ ބާތިލް ކޮށްފައެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތުގައި އޭނާއަށް ލައިސަންސް ދޫނުކުރުމަށް ވެސް ނިންމާފައެވެ.