ހުޅުމާލޭ ފިޔަވަތިން ކުއްޖަކު ފިލައިގެން ބޭރަށް ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހުޅުމާލޭ ފިޔަވަތީގައި އުޅޭ ތިން ކުއްޖަކު އެތަނުގެ ފުރާޅު މައްޗަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ފުލުހުންނާއި ފިޔަވަތީގެ މުވައްޒަފުން ގުޅިގެން މިރޭ 7:25 ހާއިރު އެ ތިން ކުދިން ފުރާޅުމަތިން ބާލުވާފައިވާ ކަމަށެވެ. އަދި މިރޭ ފިޔަވަތީގައި އުޅޭ އެއްވެސް ކުއްޖަކު ފިލައިގެން ބޭރަށް ގޮސްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މިހެން ބުނީ، ހުޅުމާލޭ ކުޑަކުދިންގެ ހިޔާގެ ބޭރަށް ކުދިންތަކެއް ނިކުމެގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކާއި ގުޅިގެންނެވެ. އެ ވީޑިއޯއާ އެކު ދައުރުވި މެސެޖުގައި، މީގެ ހަފްތާއެއް ކުރިން ފިޔަވަތީގައި އުޅޭ ކުދިންގެ ތެރޭގައި ޖެހުނު މައްސަލައެއްގައި ކުއްޖެއް ގަޔަށް ހޫނު ފެން ޖަހާފައިވާ ކަމަށާއި، އެތާ ތެރޭގައި ކުދިން އުޅޭ ނޫޅޭ ގޮތް މުވައްޒަފުންނަށް ނުބެލޭ ކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފައެވެ.

ފިޔަވަތީގައި އުޅޭ ކުދިން ފުރާޅުމައްޗަށް އަރައިގެން އުޅުމާއި، ފުރާޅުމަތިން އަރައިގެން ބޭރަށް ނިކުމެ، ބޭރުތެރޭގައި އުޅޭ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު 10 ވަނަ ދުވަހު، ފިޔަވތީގައި އުޅޭ 7 ކުއްޖަކު ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން، ފުލުހުން ވަނީ އެކުދިން ހޯދާ، އަނބުރާ ފިޔަވައްޗަށް ގެންގޮސްދީފައެވެ. އަދި އޮގަސްޓް 7 ވަނަ ދުވަހު ވެސް ފިޔަވަތީގެ ފުރާޅުމައްޗަށް ކުދިންތަކެއް އަރާ އުޅެނިކޮށް، ފުލުހުން ވަނީ ގޮސް އެކުދިންތައް ފުރާޅުމަތިން ބާލުވާފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ މިފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވާއިރު، މިދިޔަ ޖޫން މަސްތެރާގައި ޖެންޑާ މިނިސްޓްރީގެ އިހުމާލުން ކުޑަކުދިންގެ ހިޔާގައި ހުރި ކުޑަ ކުއްޖަކު ވަނީ ގެއްލިފައެވެ. އަދި މިކަމުގެ ސަބަބުން ޖެންޑާ މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ. މިކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރަ މުވައްޒިފަކު ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.