ރިސޯޓުތަކުން، އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަށީގެންވާ ސާވިސްޗާޖު ދޭ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުނުވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ބައެއް ވާހަކަތައް ސާފުކޮށްދިނުމަށް އެ މިނިސްޓްރީން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފައެވެ. އަދި އެ ބަޔާނުގައި މިނިސްޓަރު ދެއްކެވި ބަެެއް ވާހަކަތައް ތަފްސީލު ކޮށްދީފައިވެއެވެ.

އެ މިނިސްޓްރީން ބުނީ، މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސާވިސްޗާޖު ދޭ އަދަދުތައް މިނިސްޓްރީގައި އެބަ ހުރި ކަމަށެވެ. އަދި ސާވިސް ޗާޖު ދިނުމުގައި އަމަލު ކުރާ ގޮތް ރަނގަޅު ކަމަށް ނުވަތަ ގޯސް ކަމަށް މިނިސްޓަރު ސީދާ ވިދާޅުނުވާ ކަމަށް މިނިސްޓްރީނެ ބުނެއެވެ.

އިއްޔެ ބޭއްވި ޓުއަރިޒަމް މިނިސްޓރީގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ބައެއް މީޑިއާތަކުން ވަނީ ސާވިސްޗާޖުދޭ ގޮތް ރަނގަޅު ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިިވާ ކަމަށް ރިޕޯޓްކޮށްފައެވެ. މިކަމާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވަނީ، އޭނާއަށް ބުނެވުނު ބަހެއްގެ މާނަ ނެގުނު ގޮތަކުން އެއްވެސް ރައްޔިތެއްގެ ހިތުގައި ނުތަނަވަސް ކަމެއްވާ ނަމަ އެކަމަށް މައާފަށް އެދިފައެވެ. އަދި ރިސޯޓް މުވައްޒަފުންނާއި އިންޑަސްޓްރީގެ މަސައްކަތުގައި މަހުން މަހަށް މީޑިއާއާ ރައްޔިތުން ކުރިމަތީ ކުރި އިހްލާސްތެރި މަސައްކަތް މިނާނީ ރައްޔިތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައިވާއިރު، ސޯޝަލް މީޑިއާގައި ދަނީ ޓުއަރިޒަމް މިނިސްޓަރު އިސްތިއުފާއަށް ގޮވާލާ ބޮޑު ކެމްޕޭނެއް ވެސް ފަށާފައެވެ. އެގޮތުން، 'ރިސޯޓް ބޯއިސް މޯލްޑިވްސް' ގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖަކުން މިނިސްޓަރު އިސްތިއުފާއަށް ގޮވާލާފައިވާ ޕޯސްޓަކަށް ވަނީ 5 ގަޑިއިރުގެ ތެރޭގައި 900 އެއްހާ ޝެއާސް ލިބިފައެވެ.