މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަށް އޮޅުމަކުން ގައިދީއަކު ދޫކޮށްލެވިގެން، އޭނާ އަނބުރާ ޖަލަށް ގެންދިޔުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުނު ހަބަރު ކަރެކްޝަންސް އިން ދޮގުކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކަރެކްޝަންސް އިން އޮޅުމަކުން، އެ ސާވިސްގެ ބެލުމުގެ ދަށުގައި ހުރި މ.މުލައް، ރަންކޮކާވިލާ މުހައްމަދު ފަޔާޒް ދޫކޮށްލި ކަމަށް ބުނާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އަދި އޭނާ ކަރެކްޝަންގެ ބަންދުން ދޫކޮށްލާފައި ވަނީ ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރު ކުރުމުން ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ، ފަޔާޒް ދޫކޮށްލުމަށް ކޯޓުން އަމުރު ކުރިއިރު، އޭނާގެ މައްޗަށް އިތުރު ހުކުމެއް ކޮށްފައިވާ ކަމަކަށް ކޯޓުން ކަރެކްޝަންސް އަށް އަންގާފައި ނުވާ ކަމަށެވެ. އަދި އިތުރު ހުކުމެއް ކޮށްފައިވާ ކަމަށް ކޯޓުން އެންގީ ފަޔާޒް ދޫކޮށްލިތާ 3 ދުވަސް ފަހުން ކަމަށެވެ. އެހިސާބުން އޮންނަ އުސޫލުގެ މަތިން ފަޔާޒް ހޯދުމަށް ފުލުހުންގެ އެހީތެރިކަން ހޯދާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލުކުރުމަށް އެދި ފުލުހުންނަށް ލިބިފައިވާ ކޯޓު އަމުރުގެ ދަށުން މިމަހު 11 ވަނަ ދުވަހު މ. މުލަކުން 41 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިމަހު 14 ވަނަ ދުވަހު އޭނާ ދޫނިދޫ ކަސްޓޯޑިއަލް އަށް ހަވާލު ކޮށްފައިވާ ކަމަށާއި ކަރެކްޝަންސްގެ ޖަލުތަކުގައި ޖާގަ ނެތުމުގެ ސަބަބުން އޭނާ ހުރީ ދޫނިދޫ ޖަލުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.