ދިރާސީ އަހަރު ނިންމާފައި ދޭ، ސްކޫލު ތަކުގެ އަހަރީ ޗުއްޓީ ދެ ބަޔަކަށް ބަހާލަން ނިންމާފައިވާކަން އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިރާސީ އަހަރު ނިންމާ ދޭ "ބޮޑު ޗުއްޓީ" އަކީ އާއިލީ ގުޅުން ބަދަހިކޮށް އާއިލާއާއިއެކު ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކަކަށް ވެފައި މުހިންމު ދުވަސްތަކެއް ކަމަށެވެ.

އަދި ކޮންމެ ކުއްޖަކު ވެސް އަހަރީ ޗުއްޓީ އާއިލާގެ މެންބަރުންނާއެކު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރި މަޝްވަރާތަކާއި ގުޅިގެން ސުކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ ދުވަސްވަރަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ އެންމެ ބާރު ބޮޑު ދުވަސްވަރު ކަމަށްވުމުން އެ ސިނާއަތުގައި މަސައްކަތްކުރާ ބެލެނިވެރިންނަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބުމުގައި ގިނަ ފަހަރު ދަތިތައް ދިމާވާ ކަމަށްވެސް އެ މިނިސްޓރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ދިރާސީ އަހަރު ނިންމުމަށްދޭ "ބޮޑު ޗުއްޓީ" ދެ ބަޔަކަށް ބަހާލުމަށް ފަހު 2020 ވަނަ އަހަރުގެ ސުކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި 2020 ފެށިގެން 11 ޖޫން 2020 އަދި ދެވަނަ ބައި ހައެއް ޑިސެންބަރު 2020 ފެށިގެން ހަތެއް ޖަނަވަރީ 2021 އަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަހަރީ ޗުއްޓީއަށް ގެނެވުނު ބަދަލާއެކު އެހެން ސިނާއަތްތަކާއި، އޮފީސްތަކަށްވެސް މުވައްޒިފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަކަށް ލުޔެއް ލިބޭނެ ކަމަށް ދެކޭ ކަމަށެވެ.