ކަޝްމީރުގެ މައްސަލާގައި އެގައުމުން އެއްވެސް ކަމެއް ގުރުބާންކޮށް، ދޫނުކޮށްލާނެ ކަމަށް ޕާކިސްތާނު އަސްކަރިއްޔާގެ އިސްވެރިޔާ، ޖެނެރަލް ގަމަރު ޖާވިދު ބަޖުވާ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނާ އިންޑިއާ ހިއްސާކުރާ ޖައްމުއާއި ކަޝްމީރުގެ ސަރަހައްދީ އިމުގައި އޮންނަ ލައިން އޮފް ކޯންޓްރޯލް (އެލްއޯސީ) އަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ޖެނެރަލް ބަޖުވާ ވިދާޅުވީ، ކޮންމެ އަގެއް ދައްކަން ޖެހުނު ކަމުގައި ވީ ނަމަވެސް ޕާކިސްތާނުން ގުރުބާން ކުރާނެ ހަމަ އެއްކަމެއްވެސް ކަޝްމީރުގެ މައްސަލާގައި ނުއޮންނާނެ ކަމަށެވެ.

އަސްކަރިއްޔާގެ މެމްބަރުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޖެނެރަލް ބަޖުވާ ވިދާޅުވީ ސުލްހަވެރިކަމަށް ޕާކިސްތާނު ފެންބޮވައިގެންފައި އޮންނަ އޮތުމަކީ އެއްވެސް ހާލެއްގައި ޕާކިސްތާނުގެ ނިކަމެތިކަން ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. ޕާކިސްތާނުގެ ފަސްގަނޑަށް އަންނަ ކޮންމެ ނުރައްކަލަކުން ގައުމު ދިފާއުކުރުމުގެ ފުރިހަމަ ބާރު ޕާކިސްތާނަށް ލިބިފައިވާކަމަށްވެސް ޖެނެރަލް ބަޖުވާ ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ އަސްކަރީ އޮފިޝަލަކު ކަޝްމީރު މައްސަލާގައި މިފަދަ ވާހަކަތަކެއް ދައްކަވާފައި މިވަނީ، މިމައްސަލާގައި އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެ، ހިސާބަކަށް އެ ވާހަކަތައް އޮބިފައިވާ ދަނޑިވަޅެއްގައެވެ.