ކުޑަ ރިޔަލު ދޯންޏެއްގައި ދުއްވާލަން ނުކުތް ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ކެންދޫ އަބްދުﷲ އަލީ، 39، ފަޅުރަށެއްގައި ހުއްޓާ ފެނިއްޖެއެވެ. 'ދަ ޕްރެސް' އަށް މައުލުމާތު ދެމުން އެރަށު މީހަކު ބުނީ، އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް މިރޭ އިރާކޮޅުން ފެށިގެން ކުރަމުން ދަނިކޮށް ކެންދޫ ކައިރީގައި އޮންނަ ކެޔޮދޫ ކިޔާ ފަޅުރަށުން ފެނިފައި ވާކަމަށެވެ.

އޭނާ އިތުރަށް ބުނީ އަބްދުﷲ އަލީގެ ހާލު ރަނގަޅުކަމަށެވެ.

އަބްދުﷲ އަލީ އަކީ އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. ސައުދުﷲ އަލީގެ ކޮއްކޮ އަދި އިސްލާމިކް މިނިސްޓްރީގެ ނައިބް ޝެއިޚް ނަސްރުﷲ އަލީގެ ބޭބެއެވެ.

އޭނާ އެ ދޯނީގައި ކަނޑަށް ނުކުތީ ދޯނި ދުއްވާލަން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އޭނާ ފަޅުރަށަށް ދިޔަގޮތެއް ނޭނގޭ ކަމަށާ އަދި އޭނާއާ ވާހަކަ ދައްކާލެވޭ ވަރު ނުވާކަމަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމާއެކު، ކަނޑުމައްޗަށް ނުކުންނަ އިރު މޫސުމަށް ބަލައިގެން ނުކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.