ފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު އަދި ހިތާމަވެރި ހާދިސާ ހިނގިތާ 15 އަހަރު ފުރުނީއެވެ. 1190 މީހުން ދިރިއުޅޭ ރަށް އޮންނަ އިރު 82 ރަށަކަށް ވަނީ މި ކާރިސާއިން ވަނީ ގެއްލުން ވެފައެވެ. ނަމަވެސް އެ ހަނދާންތަކާއި ދުރަށް ނުދެވި ތިބީ ކިތައް އާއިލާ ހެއްޔެވެ. އެ މަންޒަރު ފެނި އެކަމުގެ ތަޖުރިބާ ކުރެވުނު މީހުންގެ ތެރެއިން ކިތައް މީހުން އެ ހަނދާންތަކުގައި އެބަ އުޅޭހެއްޔެވެ. ނަފްސާނީ ބަލިމަޑުކަމެއްގައި ދިރިއުޅުން ވޭތުކުރަން ޖެހިފައި ވަނީ ކިތައް މީހުންނަށް ހެއްޔެވެ. އެހާދިސާ ތަޖުރިބާ ކުރި މީހުންގެ ހިތުން އެ ބިރުވެރިކަން އަދިވެސް ފިލާގެން ނުދާކަން ދޭހަ ކޮށްދެނީ އެ ވާހަކަތަށް ކިޔާދޭއިރު އެ މީހުންގެ ފެންކަޅިވެފައި ވާ ލޯތަކުންނެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނައަށް ވީ އާދިއްތަ ދުވަހު ހެނދުނު 9 ގައި އެރި ސުނާމީގެ ވާހަކަ ތ.ވިލިފުށީ މީހަކު "ދަ ޕްރެސް"އަށް ކިޔާދެމުން ދިޔައިރު އޭނާގެ އަޑުން އެ ދުވަހުގެ ބިރުވެރިކަން އިހުސާސް ވަމުން ދިޔައެވެ. އުމުރުން 75 އަހަރުގެ މުހައްމަދު އަހުމަދު އިސްމާއިލް އާންމު ނަމުންނަމަ (ކުޑަ މުހައްމަދު) ބުނި ގޮތުގައި އޭނާގެ ހަނދާނުގައި އެ ކުޑަ ވަގުތުކޮޅު ދެންމެ ހިނގި ކަމެއްހެން ހުންނަ ކަމަށެވެ. ކަނޑަށް ބަލާލައި ކޮންމެ ފަހަރަކު ރަށް އެކުގައި ދޮވެލި މާޒީ އިއްޔެ ވީ ކަމެއްހެން ހަނދާނަށް ހުންނަ ކަމަށެވެ.

"އަދިވެސް އިހުސާސް ވަނީ އެ ކުޑަ ވަގުތުކޮޅަކީ ދެންމެ ހިނގި ކަމެއްހެން. ބިރުގަނޭ ބިޔަ ރާޅުގެ އަޑު އިވި، ފެނުނަސް. ޖެހިލުންވެސްވޭ ކަނޑުމައްޗަށް އަރަންވެސް. ކަނޑަށް ބަލާލާ ކޮންމެ ފަހަރަކު ރަށް އެކުގައި ދޮވެލި މާޒީ އިއްޔެވީ ކަމެއްހެން ހަނދާނަށް އާވޭ. ދުވަހަކުވެސް އެ ބިރުވެރިކަން ހިތުން ފިލައިގެން ނުދާނެ."
ކުޑަ މުހައްމަދު

ތ. ވިލުފުއްޓަށް އުފަން ކުޑަ މުހައްމަދު ކިޔައިދިން ގޮތުގައި އަދިވެސް އެދުވަހުގެ ބިރުވެރިކަން އެނާގެ ހިތުން ފިލައިގެން ނުދެއެވެ. ވިލިފުއްޓަށް އެދުވަހު ސުނާމީ އެރުމުގެ ކުރިން އޭނާ އިނީ ފަން ވިންނަން ކަމަށާއި އޭނާގެ އަންހެނުން އެވަގުތު އުޅުނީ ފާހާނާގައި ކަމަށް ކުޑަ މުހައްމަދު ކިޔައިދިނެވެ. އެނާއަށް ކާފަ ކިޔާ ދެކުދިން ޝާމް އާއި ޝާން، ބޮޑު ރާޅުތަކެއް އަރަނީ ކަމަށް ގޮވަން ފެށި އަޑަށް ކުޑަ މުހައްމަދު ގެއިން ނުކުންނަން މިސްރާބު ޖެހީ ވެގެން އުޅެނީ ކިހިނެއްތޯ ބެލުމަށް ކަމަށް އޭނާ ކިޔާއިދިނެވެ. ގޭގެ އަތިރިއާވީ ފަރާތުން ބޭރަށް ހުންނަ ދޮރު ހުޅުވުނު ކަން އިނގޭ ކަމަށާއި ދެން ވީ އެއްވެސް ގޮތެއް އޭނާގެ ހަނދާނުގައި ނެތް ކަމަށް އޭނާ ބުނެއެވެ. ހޭވެރިކަމެއް ވީއިރު އޮތީ ދިއްގާ ގަހެއްގެ ބުޑުގައި ކަމަށެވެ.

އެ ހާދިސާގައި ދެން ވީގޮތް މިއަދާ ހަމައަށްވެސް ކިޔާދޭން ނެނގޭ ކަމަށް އޭނާ ބުނެއެވެ. އެ ހާދިސާއިން ކުޑަ މުހައްމަދަށް ވަރަށް ބޮޑު ޝޮކެއް ލިބިފައި ވާ ކަމަށާއި އޭނާގެ އާއިލާގެ ހަތަރު މީހުން މި ހިތާމަވެރި ހާދިސާގައި މިދުނިޔެ ދޫކޮށްފައި ވާއިރު އޭނާގެ ލޯ ކުރިމަތިން އެ މަންޒަރުތަށް ސިފަވާ ކަމަށް ކިޔައިދިނެވެ.

2004 ވަނަ އަހަރު އެރި ސުނާމީ ގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

އެހެން ކަމުން ދެން "ދަ ޕްރެސް" އިން އިންޓަވިއު ކުރީ ކުޑަ މުހައްމަދުގެ ކާފަ ދަރި، އުމުރުން 22 އަހަރުގެ އިބްރާހިމް ޝާން އާއެވެ. އޭރު އޭނާގެ އުމުރަކީ 7 އަހަރެވެ. އެދުވެހުގެ ހާދިސާ ކިޔާދެމުން ޝާން ބުނީ ހެނދުނު ހޭލައިގެން ބޭރަށް ދިޔައީ މާލޭގައި ހުންނަ ބޭބެ އަކަށް ގުޅަން އެ ރަށުގައި ހުންނަ ފޯނު ބޫތަކަށް ކަމަށާއި ގެއަށް ދިޔަ މަގުމަތީގައި ދައްތައަކާ ދިމާވި ކަމަށާއި ތަފާތު އަޑެއް އިވެމުން ދިޔަ ކަމަށެވެ. އެ އިވެމުންދާ އަޑާއި ގުޅޭގޮތުން ދައްތަ ގާތު ސުވާލު ކުރުމުން ބުނީ އެއީ މަތިން ހެލިކޮޕްޓަރެއް ދާ އަޑު ކަމަށެވެ.

ދެން ގެއަށް ދިއުމަށް ފަހު ހެނދުނު ނާސްތާ ކުރަން އަތް ދޮންނަން ބޭރަށް ނިކުތް ވަގުތު ރުއްތަކުގެ މަތިން ބޮޑު ރާޅެއް އަރައިގެން އަންނަ ތަން ފެނުނު ކަމަށް އޭނާ ކިޔާދިނެވެ. ޝާން ދިރިއުޅޭ ގެ ހުންނަނީ މޫދު ފަސޭހައިން ފެންނަ ހިސާބެއްގައި ކަމަށާއި، ގާތްގަނޑަކަށް 4 ވަރަކަށް ފޫޓު މޫދާއި އެ ގެއާ ދެމެދުގައި ހުންނާނެ ކަމަށް އޭނާ ބުނެއެވެ. ޝާން އޭނާގެ ބޭބެ ގެއްލުނު ވަގުތު ހަނދާން ކުރަމުން ކިޔާދިނެވެ.

"ދެން ދުވެފަ ވަނީ ގެއަށް. ރާޅު އަންނަތަން ފެނުނީމަ. ދެން މާމަ ކުރިކަމަކީ ޝާމް އާއި ޝާން ގެ އަތުގަ ހިފައިގެން ހުރީ. ހުއްޓާ ގޭ ތެރެއަށް ދެފަޅިން އައިސް ރާޅު ވަނީ. ލޮނުގަނޑާ އެކު ތިންމީހުން އެރީ މައްޗަށް. މައްޗަށް އަރާފަ ސީލިންގުގަ ބޯ ޖެހުނީ. ދެން މާމަ އަތުން ޝާމް ދޫވީ"
ޝާން

ރާޅުން ސަލާމަތް ވާން ގެއިން ނުކުމެގެން މަގުމައްޗަށް ދިޔައިރުވެސް މާމަގެ އިސްކޮޅުން ނަމަ ކަރާ ހަމައަށް ލޮނުގަނޑު ހުރި ކަމަށާއި ޝާން ދިޔައީ ފަތާފައި ކަމަށް އޭނާ ކިޔައިދިނެވެ.

ސުނާމީގައި ވިލިފުށިގެ ގެއެއް ހަލާކުވެފައި / ފޮޓޯ: ޔުނެސްކޯ
"ނިކުތްއިރު ޝާމް އިނީ ކުޑަ ބޮއްކުރާ އަކަށް އަރާ. ޝާމް ބުނީ އަންނާށޭ އަރަން. ކިޔާފަ އެ ބޮއްކުރާއަށް އެރުވީ މާމަ އާއި ޝާންވެސް. އެ ރާޅުގަނޑު ތެރޭގަ ވަރަށް އޮއެގަދަ. ފެނޭ މީހުންތަށް އޮޔާ ދާތަން. ކުޑަކުޑަ ކުދިންވެސް ފެނުން ދާތަން. އެކަމަކު ކިހިނެތް ސަލާމަތް ކޮށްދޭނީ. ވަރަށް އޮއެގަދަ. ދެން ތިބީ އެ ރާޅު ހިނދެންދެކަ."
ޝާން

އޭރުވެސް ކާފަ ވީތަނެއް ނޭނގޭ ކަމަށާއި ރާޅު ހިނދުމުން ބޮއްކުރައިން ފައިބައިގެން ދިޔައީ ބަނދަރަށް ކަމަށާއި ބަނދަރަށް ދިޔަ މަގުމަތީ ވެއްޓިފައި ހުރި ގެތަކުގެ ގާތަކުގެ ދަށުގައި މީހުން މަރުވެފައި ތިއްބާ ފެނުނު ކަމަށް ޝާން ކިޔައިދިނީ އަސަރާއެކުގައެވެ.

"ދެން 4 ތިން މީހުން ބަނދަރު މައްޗަށް ގޮސް ތިއްބާ މީހުން ގޮވަމުން އަންނަނީ ދެވަނަ ރާޅު އެބަ އަރައޭ. ދެން އަވަހަށް ފުރައިގެން ދިޔައީ އެހެން ރަށަކަށް. މަޑިފުއްޓަށް ދިޔައީ. އޭރު އެރަށަށް ރާޅު އަރަނީ."
ޝާން

މަޑިފުއްޓަށް ރާޅު އަރާތީ އެހެން ރަށްރަށަށްވެސް އަރާނެ ކަމަށް ބަލާ، އެހެން ރަށަކަށް ނުދާން އެ ދޯނި މަޑުކުރީ، ކަނޑު މަތީގައި ކަމަށް ޝަާން ކިޔައިދިނެވެ. ތިން ދުވަހު ކަނޑުމަތީގައި 100 ވަރަކަށް މީހުންނާ އެކު އެ ދޯނީގައި ހޭދަކޮށްފައިވާ ކަމަށެވެ.

ސުނާމީ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ވިލުފުށިން ސުނާމީގެ ރާޅުގައި ގެނބިގެން 18 މީހަކު ވަނީ މަރުވެފައެވެ. މުޅި ވިލުފުށި ވެސް ސުނާމީއާ އެކު އެއްކޮށް ސުންނާފަތި ވެގެން ދިޔައީ ވިދިވިދިގެން އެރި ދެ ރާޅާ އެކުއެވެ.

އެ ސުނާމީ ކާރިސާ އަކީ އަހަރެމެން އެންމެންގެ ލޮލުން ކަރުނަ ހިލުވާލި ބިރުވެރި ހިތާމަވެރި ހާދިސާއެކެވެ. އެތަކެއް ދިވެހިންނެއް މިދުނިޔެ ދޫކޮށް އެތައް އަނިޔާތަކެއް ލިބި އެތައް ދިވެހިންގެ ގެދޮރާއި މުދާ ގެއްލިގެން ދިޔަ ދުވަހެކެވެ. ރާއްޖޭގެ އިގްތިސޯދާއި ތަރައްގީ އެތައް އަހަރެއް ފަހަތަށް ޖައްސާލި ގެންލުންބޮޑު ހާދިސާއެކެވެ.

2004 ވަނަ އަހަރު އެރި ސުނާމީ ގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގެ ގިނަ ރަށްތަކަށް އެރި ސުނާމީގެ ސަބަބުން ޖުމްލަ 84 މީހުން މަރުވެ، 26 މީހުން ގެއްލިފައި ވެއެވެ. އަދި 15،000 ދިވެހިގެ ގެދޮރު ވަނީ ގެއްލި ގޮސްފައެވެ. ރާއްޖޭގެ އަބާދީގެ 62 އިންސަތަ މީހުން މި ހިތްދަތި ކާރިސާގައި އެކި ކަހަލަ ގެއްލުންތަކާ ކުރިމަތިލާފައި ވެއެވެ. މި ހާދިސާ ހިނގުމުގެ ކުރިން ސުނާމީ އަކީ ކޯއްޗެއް ކަން ދިވެހިންނަށް ނޭނގެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދިވެހިންގެ މެދުގައި ވާ އެއްބައިވަންތަ ކަން ފެނިގެން ދިޔައެވެ. ހާލުގައި ޖެހުނު ރަށްރަށުގެ މީހުން ކައިރި ރަށްރަށަށް ގެންގޮސް އެމީހުންގެ މެހެމާންދާރީގެ ދަށުގައި އަމިއްލަ އާއިލާގެ މީހުންގެ ގޮތުގައި އެތައް ދުވަހެއް ވާންދެން ގެންގުޅެފައި ވެއެވެ. ތަނަވަސް ކަމުގެ އަހުލުވެރިންނާއި ތަނަވަސް ކަމެއް ނެތް މީހާވެސް ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަހަތަކަށް ނުޖެހެއެވެ.

2004 އަހަރުގެ ސުނާމީ ކާރިސާއަށް ފަހު ޑިސެމްބަރު 26 ވަނަ ދުވަސް ފާހަގަ ކުރަމުން ދަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. މި ފަހުގެ ތާރީހުގައި ދިވެހިންގެ އެއްބައިވަންތަކަން އެންމެ ފުރިހަމަ ގޮތުގައި ދައްކުވައިދީފައި ވަނީ ސުނާމީ ކާރިސާ އަށް ފަހު ވޭތު ކުރި ދުވަސްތަކުގައެވެ.

އެ ކާރިސާއަށް 15 އަހަރުވީ އިރުވެސް އިއްޔެ ހިނގާދިޔަ ހާދިސާއެއް ފަދައިން ސިފަވަމުން، އެ މަންޒަރު ދުށް ކޮންމެ ދިވެއްސެއްގެ ހިތުގައި ކަނޑާނެގިފައި ވެއެވެ. ކަނޑަކީ ބިރުވެރި ތަނަކަށްވެ، އެ ހާދިސާއިން އަރައިނުގަނެވި ތިބި ބައެއް ދިވެހިން މިއަދުވެސް ފެންނަމުން ދެއެވެ. ބިންހެލުމުގެ ނުވަތަ ސުނާމީގެ އިންޒާރެއް އަންނަ ކަމަށް ވާނަމަ އެމީހުންގެ ލޯ މައްޗަށް އެދުވަހުގެ ހާދިސާ ސިފަވެގެން ދެއެވެ.