13 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތު ގައި ހައްޔަރުކުރި، ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދުގެ މައްޗަށް ދައުލަތުން ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.
ރ. މަޑުއްވަރީގައި 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ މިދިޔަ ނޮވެމްބަރު މަހު ވިހެއި މައްސަލަ ފެންމަތިވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހަމަނުޖެހުމުގައި، ހައްމާދު ޒަހަމްވި މައްސަލަ ތަހުގީގް ކުރަމުން ދަނިކޮށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ. ހައްމާދުގެ މައްސަލަ ބަލަނީ ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ މައްސަލައެއްގެ ގޮތުގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ހައްމާދުގެ މައްޗަށްކޮށް، މިއަދު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
ޕީޖީ ޝަމީމް ވަނީ އެކަމާ ގުޅިގެން ޓްވީޓެއްވެސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސީރިއަސް ކަމެއް ކަމަށާއި "ސަކަރާތް ޖެހުމެއްނެތް" ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފިނަމަ، އެ މީހަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ހައްމާދު ކޯޓުން ބޭރުގައި ކައިވެނި ކުރި ކަމަށް ބުނާ 13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވެ ވިހައިފައިވެސް ވެއެވެ. އެ ދެ ކުދިންވެސް މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ކުދިންނަަށް އިހުމާލުވުމުގެ ތުުހުމަތުގައި 13 އަހަރުގެ ކުއްޖާގެ މައިންބަފައިން ވަނީ ހައްޔަރުކޮށްފައެވެ.