އަންނަ އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމަށް ރަށެއް ވަށާ ޑައިވް ކޮށްގެން 'ހިއުމަން ރިންގް' އެޅުމަށް ހަމަޖެހިފައި ވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ އެ އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ގިނަބަޔަކު ޑައިވް ކޮށްގެން އެކަކު އަނެކަކު އަތުގުޅާލެވޭ ގޮތަށް (ހިއުމަން ރިންގް) ކަމަށާއި އެއީ އަންނަ އަހަރުގެ ޓޫރިޒަމް ދުވަހާ ގުޅޭ ހަރަކާތެއް ކަމަށެވެ.

އޭނާ ވިދާލުވީ، އެކަން ކުރުމަށްޓަކައި ކަނޑު އަޑިން ރަށެއް ވަށާ 'ހިއުމަން ރިންގެއް'، ސްކޫބާ ޑައިވިން ކޮށްގެން އަޅަނީ 'ވޯލްޑް ރެކޯޑް' ފޮތަށް އެރުވުމަށްޓަކައި ކަމަށެވެ. މި ޑައިވް ގައި 500 އެއްހާ މީހުން ބައިވެރި ވާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މަސައްކަތް ކުރެވެމުން ދަނީ ޖެނުއަރީގައި އެކަން އިއުލާނުކޮށް ދުނިޔޭގައި އެކަން އިސްތިހާރު ކުރުމަށް ފަހު ސެޕްޓެމްބަރު 27 ވާ ފަތުރުވެރި ކަމުގެ ދުވަހު ރާއްޖޭގައި އެ އިވެންޓް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވީ "ނޭވާ" ގެ ނަމުގައި އަޑިއަށް ގޮސްތިބެ ހިންގި ހަރަކާތެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ބަރޮސް ރިސޯޓު ކައިރީ، ބޭއްވި މި ޕްރޮގްރާމްގައި ޖުމްލަ 521 މީހަކު މޫދު އަޑިއަށް ގޮސް ހުއްޓި ތިބެފައި ވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގަތެވެ. ރާއްޖޭގެ ޑައިވަރުން މި ރެކޯޑް ހެދުމަށް 30 ސިކުންތު ވަންދެން 3 މީޓަރު އަޑީގައި ވަނީ ތިބެފައެވެ.

ދުނިޔޭގެ ރެކޯޑު ފޮތުގައި ރާއްޖޭގެ "ފްރީޑައިވިންގް ވޯލްޑް ރެކޯޑް" ހިމަނައިފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހެވެ.