ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 5 ރަށަކަށް ދިނުމަށް ނިންމައިފިއެވެ.
އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލުން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޖެކްޓް ހޮވައިފިއެވެ.
ހަތަރު ވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުން ހޮވުނު 5 ޕްރޮޖެކްޓަކީ:
- ހދ.ކުމުންދޫގައި ސޯލާ ލައިޓް ހަރުކުރުން – އަމީން މުހައްމަދު
- ތ. ގުރައިދޫގައި ޕްލާސްޓިކް ރިސައިކްލިން ޕޮއިންޓެއް ގާއިމްކުރުން – ގްލޯބަލް ސިޓިޒަން ސޮސައިޓީ
- ހދ. ކުރިނބީގައި އައުޓްޑޯ ފިޓްނަސް ޕާކެއް ހެދުން – އާދަމް ޝަޒީމް
- ހދ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުން – ހޯރަފުށި ޔޫތް ޑިވަލޮޕްމަންޓް ސޮސައިޓީ
- ތ. ވިލުފުށީގައި އައުޓްޑޯ ޖިމް އެއް ހެދުން – ވަސަނަ ޖަމިއްޔާ
ކޮމިއުނިޓީ ފަންޑާ ބެހޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، އެ ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެގެން ގޮސްފައި ވާ ކަމަށް ސައީދު ވިދާޅުވިއެވެ.
'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހްކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ. މި ޕްރޮގްރާމުގެ ދަށުން މިއަހަރު ތެރޭ 20 ރަށަކަށް ވަނީ ކޮމިއުނިޓީ ފަންޑް އިން އެހީތެރިކަން ފޯރުކޮށްދީފައެވެ.