މަސްތުގެ ހާލަތުގައި ތިބޭ މީހުން ގިނަވެ، ނުރައްކާތެރި ކުށްތަކަށް އަރައިގަންނާތީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ ފާޑުވިދާޅުވުން ޑްރަގް ކޯޓަށް އަމާޒުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ، މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ، ގާސިމް މަރާލި ކަމަށް އެއްބަސްވެފައިވާ ޅ. ހިންވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު އުޅުނީ، ގާސިމް މަރާލަން ނޫން ކަމަށާއި، މަސްތުވެގެން ހުރެ، ފައިސާ ފޭރުމަށް ކަމަށެވެ.

ޖަމީލު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މަސްތުވެފައި ތިބޭ މީހުން މަގުމަތީ ހިނގައިނުގަނެވިފައި ތިބޭ މަންޒަރު މިހާރު ވަރަށް ގިނައިން ފެނިވަޑައިގަންނަވާ ކަމަށާއި އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ އެ މީހުން ކަމަށެވެ. އެކަމާ ގުޅިގެން، އަދިވެސް ޑްރަގް ކޯޓަށް އިތުބާރުކޮށްގެން ތިބެންވީތޯ ސުވާލު ކުރައްވާ ޖަމީލު ވަނީ ގާސިމްގެ ހިތާމަވެރި، އަނިޔާވެރި މަރުން ފިލާވަޅު ލިބިގަނެ ރިހިބިލިޓޭޝަން ފަރުވާގެ ނިޒާމް އަލުން މުރާޖައާކުރުމަށް ގޮވާލައްވާފައެވެ.

ޖަމީލު އިޝާރާތް ކުރައްވާ މައްސަލައަކީ ޑްރަގް ކޯޓުގެ ނިޒާމުގެ ސަބަބުން އުފެދިފައިވާ މައްސަލައެއް ކަމަށް ބެލެވެއެވެ.

ފުލުހުން އިއްޔެ ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ގާސިމް މަރާލި ކަމަށް ބުނާ އަދުހަމަކީ ޑްރަގް ކޯޓުން ރިހިބިލިޓޭޝަންގެ އަމުރު ނެރެފައިވާ މީހެކެވެ. އަދި އޭނާ މާލެތެރޭގައިި އުޅެމުން ދިޔައީ، ރިހިބިލިޓޭޝަން ފަރުވާއަށް ކިއުގައި ހުރެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ގާސިމް މަރާލި ދުވަހު މެންދުރު އަދުހަމް ހުޅުމާލެއަށް ދިޔައީ އިތުރު މީހަކާ އެކު މަސްތުވާތަކެތި ބޭނުން ކުރުމަށްފަހު ކަމަށާއި ހުޅުމާލޭގައި ވެސް އޭނާ މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިިވެއެވެ. އަދުހަމަކީ ވައްކަމާއި، ފޭރުން އަދި މަސްތުވާތަކެތީގެ ރެކޯޑް އޮތް މީހެކެވެ.

ގާސިމަށް ވަޅިން ބިރު ދައްކާ އޭނާގެ އަތުން ފައިސާ ފޭރިގަތުމަށް އަދުހަމް މަސައްކަތް ކޮށްފައި ވާއިރު، އޭނާއަށް އެކަން ކާމިޔާބުވެފައި ނުވަނީ، ގާސިމް އަމިއްލަ ދިފާއުގައި އަދުހަމް އަތުން ވަޅި އަތުލުމަށް މަސައްކަތް ކުރުމުންނެވެ. އަދި ގާސިމަށް ވަޅިން ހަމަލާދީފައި ވަނީ ގާސިމްގެ ހަޅޭކުގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް އަދުހަމް ފުލުހުންނަށް ދީފައިވާ އިއުތިރާފުން އެނގެއެވެ. ގާސިމްގެ ކާރަށް އަދުހަމް އެރީ ފޭރުމަށް ކަމުގައި ވިޔަސް، ގާސިމަށް ވަޅިން ހަމަލާ ދިނުމަށް ފަހު، އެ ކުރެވުނީ މާ ބޮޑު ކުށެއް ކަން އިހުސާސްވެ، އިތުރަށް ފޭރެން މަސައްކަތް ނުކޮށް، އަދުހަމް ވަނީ އެ ސަރަހައްދުން ފިލާފައި ކަމަށް ފުލުހުން ބުނެއެވެ.