ދޯންޏެއް ދިޔަވާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތްތެރި ވާން ފަށާފައިވަނީ ވ.އަލިމަތާ ރިސޯޓުން ފުރައިގެން ކ.ތިލަފުއްޓަށް ދަތުރު ކުރި "ރަންމުއި" ކިޔާ ދޯންޏެެވެ. މި ދޯނި ދިޔަ ވާން ފަށާފައިވަނީ ކ.މާފުށީ ކަނޑުއޮޅި ކައިރިންނެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމު 3:00 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ، މި ދޯނީގެ އިންޖީނުވެސް ހުއްޓިފައިވާ ކަމަށެވެ. ދޯނީގެ އިންޖީނު ހުއްޓިފައި ވަނީ ދިޔަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

"ރަންމުއި" ދޯނި ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ / ފޮޓޯ: އެމްއެންޑީއެފް

މި ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.

ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތަކުގައި އާންމު ރައްޔިތުންނަށް އެމްއެންޑީއެފްގެ އެހީތެރިކަން ދަނީ ލިބެމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު، އދ.މާމިގިލިން ފުރައިގެން ފ.ފީއައްޔަށް ދަތުރުކުރި ޑިންގީއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފުން ހޯދަމުން ދަނިކޮށް ވަނީ ފެނިފައެވެ. މި ހާދިސާގައި ގެއްލުނު ޑިންގީގައި ތިބީ ފިރިހެނަކާއި 3 ކުޑަކުދިން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައި ވާއިރު، ޑިންގީ ފެނުނު އިރު އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ.

ހުކުރު ދުވަހު ގެއްލުނު ޑިންގީގައި ތިބީ 9 އަހަރުގެ ކުއްޖަކާއި، 11 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖެއްގެ އިތުރުން ބޮޑު މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.