ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް ޖަމާލް ޚަޝޯގީ މަރާލި ގާތިލުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު އެއީ އިންސާފުވެރި އަދި ސައްހަ ހުކުމެއް ނޫންކަމަށާ، އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމަކީ، އިތުރަށް ހަގީގަތް ފޮރުވިގެން ދާނެ ކަމެއް ކަމަށް، ޚަޝޯގީ މަރާލިއިރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޚަދީޖާ ޖެންގީޒް ބުނެފިއެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ، ޚަދީޖާއާއި ކައިވެނި ކުރުމަށްޓަކައި ހަމަޖައްސަންޖެހިފައި އޮތް ލިޔެކިއުންތަކެއް ހަމަޖެއްސުމަށެވެ. ކޮންސިއުލޭޓަށް ދިޔައީވެސް ޚަދީޖާއާއި އެކުގައެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ، ޚަޝޯގީ ޚަދީޖާ ކިބައިން އެދުނީ ބޭރުގައި މަޑުކުރުމަށެވެ. އަދި ކަމެއް ގޯސްވެއްޖެނަމަ ގުޅަންވީ މީހުންނާ ކަންކުރަންވީ ގޮތްވެސް ޚަޝޯގީ އޮތީ ޚަދީޖާއަށް ކިޔައިދީފައި ކަމަށްވެއެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީއާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ނެރުމަށް ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޚަދީޖާ ޖެންގީޒް ރޮނީ / ފޮޓޯ: ރޮއިޓާޒް

ކޮންސިއުލޭޓަށް ވަތް ފަހުން ޚަޝޯގީގެ އެއްވެސް ނިޝާނެއް އަދާޖެހުނުއިރުވެސް ފެނިފައެއް ނުވެއެވެ. ބުނެވޭ ގޮތުގައި ކޮންސިއުލޭޓް ތެރޭގައި ޚަޝޯގީ ހާސްކޮށްގެން މަރާލުމަށްފަހު، އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިކޮށް، އެހެން އިމާރާތަކަށް އެ ބައިތައް ބަދަލުކޮށް، އޭނާގެ ހަށިގަނޑު ވަނީ ނައްތާލާފައެވެ.

ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބުނާއިރު، އޭނާ މަރާލުމުގެ އަމަލު ހިންގާފައިވަނީ ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރި ހާއްސަ ޑެތް ސްކޮޑަކުން ކަމަށް ތުރުކީވިލާތުން ބުނެއެވެ. މިކަމަކީ ސައުދީގެ އެންމެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އޯޑަރަކަށް ކުރި ކަމެއް ކަމަށް މުޅި ދުނިޔެހެން އިއްތިފާގުވި ނަމަވެސް، ސައުދީއިން އެކަން ދޮގުކުރެއެވެ. ޚަޝޯގީގެ މަރުގެ މައްސަލާގައި 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު، ވަލީއަހުދުގެ އަރިސް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް (ވ) ޔޫރަޕިއަން ޕާލަމެންޓްގައި/ފޮޓޯ: އަނަދޯލޫ

ޚަޝޯގީގެ މަރާ ގުޅިގެން އަހަރު ދުވަސް ފަހުން އިއްވި ހުކުމަކީ އިންސާފަށް ޖެހި ހަޖުލެއް ކަމަށް، މި ހާދިސާ ތަހުގީގު ކުރި އދގެ އޮފިޝަލު އެގްނަސް ކެލަމާޑް ވިދާޅުވިއެވެ.

ހުކުމާ ގުޅިގެން އާންމުކުރި ބަޔާނެއްގައި ޚަދީޖާ ބުނީ، އެބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުނު މީހުން ޚަޝޯގީ މަރާލަންޖެހުނީ ކޮން މަގުސަދެއްގައިކަން ހުކުމުގެ ބަޔާނުގައި ތަފްސީލުކޮށްދީފައި ނުވާކަމަށެވެ. މިމީހުންނާ ވާހަކަދައްކާލާނެ ފުރުސަތެއްވެސް ނުދީ ހުކުމް ތަންފީޒު ކޮށްފިނަމަ، ޚަޝޯގީގެ މަރުގެ ފަހަތުގައި އޮތް އަޑިނޭނގޭ ބޮޑު ސިއްރާ ބެހޭ އެއްވެސް މައުލުމާތެއް ދެން ނުލިބޭނެ ކަމަށް ޚަދީޖާގެ ބަޔާނުގައި ބުނެފައިވެއެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް/ފޮޓޯ: ރޮއިޓާޒް

ޚަޝޯގީގެ މަރާ ގުޅިގެން 5 މީހަކު މެރުމަށް ސައުދީ އަރަބިއްޔާއިން ހުކުމް ކޮށްފައިވާއިރު، އެކަން ކުށްވެރިކޮށްދިނުމަށް ދުނިޔޭގެ ހުރިހާ އިދާރާތަކެއްގެ ކިބައިން އެދޭ ކަމަށާ، ޚަޝޯގީގެ މަރާ ގުޅޭ ކަންކަން ސިއްރު ކުރުމަށް ސައުދީއިން އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން އެކަން ހުއްޓުވާ ދިނުމަށްވެސް އެއިދާރާތަކުގެ ކިބައިން އެދޭ ކަމަށް ޚަދީޖާގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ކަންމިހެން އޮތްއިރު، ޚަޝޯގީ ކުރިން ކުރި ކައިވެންޏަކަށް ލިބިފައިވާ ފިރިހެން ދަރިއެއް ކަމަށްވާ ސޮލާހް ޚަޝޯގީ ވަނީ ސައުދީއިން އިންސާފު ހޯދާދީފިކަމަށް ބުނެ އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.