ރާއްޖޭގެ ފިޓްނަސް އިންސްޓްރަކްޓަރުންނާއި ސެންޓަރުތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރާ ބަޔަކީ ފިޓްނަސް އިންސްޓްރަކްޓަރުންނާއި ސެންޓަރުތައް ކަމަށެވެ. އަދި މިނިސްޓްރީއިން އެ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާތީ އެ ފަރާތްތައް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް މިނިސްޓަރު ވަނީ އަންގަވާފަ އެވެ.

ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންކަން ފާހަގަ ވެފައި ވާއިރު އާބާދީގެ 49 ޕަސެންޓް އަންހެނުން އަދި 35 ޕަސެންޓް ފިރިހެނުންނަކީ އޯވާވެއިޓް މީހުން ކަމަށް ޑަބްލިއުއެޗްއޯ ގެ ތަފާސް ހިސާބުން ދައްކައެވެ. އޯވާވެއިޓުވުން ގުޅިފައި އޮންނަނީ ދުޅަހެޔޮކަމާ ކަމަށް ވާއިރު މަހުލުފު ވިދާޅުވެފައިވަނީ ރާއްޖޭގައި މަރުވާ ކޮންމެ 10 މީހަކުން 8 މީހުން މަރުވެފައި ވަނީ ގައިންގަޔަށް ނާރާ ބަލީގައި ކަމަށެވެ.

މިނިސްޓްރީން ގެޒެޓުގައި މިއަދު ޝާއިރު ކުރި އިއުލާނުގައި ބުނެފައި ވަނީ، ފިޓްނަސް ސެންޓަރުތަކާއި އެދާއިރާގެ މަސައްކަތްކުރާ އިންސްޓްރަކުޓަރުންނަކީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައުއެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ފަރާތްތަކެއް ކަމަށެވެ. އަދި އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެމިނިސްޓްރީއާ ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ބޭނުންވާކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ކުރިން އިންސްޓްރަކްޓަރުންނާއި ސެންޓަރުތައް ރަޖިސްޓްރީވުމަށެވެ.