ތިލަފުށީގެ މަގުތައް މަރާމާތުކުރަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ޕްރައިވެޓް ލިމިޓެޑް (ޖީއެމްއައިޒެޑް) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޖީއެމްއައިޒެޑްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ދެ ކުންފުނީގެ މެނޭޖިން ޑިއިރެކްޓަރުން ވިދާޅުވީ ތިލަފުށީގެ މައި މަގުތަކަށް ދިމާވެފައި ވާ މައްސަލަ 2020 ވަނަ އަހަރު ނިމުމުގެ ކުރިން ހައްލުވެގެންދާނެ ކަމަށެވެ. އަދި މި މަސައްކަތަކީ ތިލަފުށީގެ ބޮޑެތި ހުރިހާ މަގުތަކެއް ހެދުމުގެ މަޝްރޫއެއް ކަމަށެވެ.

ތިލަފުށީގެ މަގުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ގެންނަން އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ކަމަށް ޖީއެމްއައިޒެޑްގެ މެނޭޖިންޑައިރެކްޓާ ވިދާޅުވި އެވެ.

ތިލަފުށީގެ މަގުތައް މަރާމާތު ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފާތިމަތު އަޖްފާނު | ދަ ޕްރެސް

ޖީއެމްއައިޒެޑް މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާލުވީ ތިލަފިށީގެ މަގުތަކުގެ ހާލަތަކީ ކޮންމެހެން ރަނގަޅު ކުރަން ޖެހިފައި ވާ ތަނެއް ކަމަށެވެ. ވިޔަފާރިވެރިންގެ ފަރާތުން އެންމެ ބޮޑު ޝަކުވާ އަކަށް ވެފައި ވަނީ މަގުތަކުގެ މައްސަލަ ކަން ފާހަގަ ކުރެއްވިއެވެ. އަދި ހާއްސަކޮށް ވިއްސާރަ މޫސުމުގައި މަގުތަކުގެ އުނދަގޫ ވިޔަފާރިވެރިންނަށް ދިމާވާކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ތިލަފުށީގެ މަގުތަކުގައި މިހާރު ވިއްސާރަ މޫސުމެއް ނަމަ ކަކޫތާ ފެނަށް ތިލަފުށީގެ ބައެއް ހިސާބުތަކުގައި އުޅެން ޖެހޭ. ތިލަފުށި 1 އަދި 2 އަކީ ރާއްޖޭގެ އެހެން ރަށްރަށާއި ހިލާފަށް ކުނިން އުފައްދާފައި އޮތް ރަށެއް. ފެންބޮޑުވާ ސަރަހައްދުތަކަކީ މައިގަނޑު ގޮތެއްގައި ކުނިން ހިއްކާފައި ހުރި ސަރަހައްދުރަށް. މި ސަރަހައްދު ތަކުގައި ބިން ގަނޑު ހަމަ ނުޖެހޭ. ވަޅުގަނޑު ހެދުން އާދައިގެ އެހެން ރަށްރަށަށްވުރެ ބޮޑަށް ތިލަފުށީގައި ޖެހޭ
މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރާ

ތިލަފުށީގެ މަގުތައް މަރާމާތު ކުރަން 40 މިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށާ ނިންމަން ކޮންޓްރެކްޓް ހަދާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހަށް ކަމަށްވެސް އާރްޑީސީން ބުނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން އިތުރު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގައި ޖީއެމްއައިޒެޑް ސޮއިކުރެއްވީ އެ ތަނުގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކެވެ.