ޖަލުތައް ފުރޭ މައްސަލައަށް ހައްލު ހޯދަން ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ޖާގަ ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތައް ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށް ބުނެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވަނީ ކޮށްފައެވެ.

ފުލުހުން ބުނީ ކަރެކްޝަންސްއާ ހަވާލުކުރަން ޖެހޭ 58 ގައިދީން މިވަގުތު ދޫނިދޫގައި އެބަ ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ މީހުން ކަމަށެވެ. ނަމަވެސް ކަރެކްޝަންސްގެ ޖަލުތައް ފުރި ޖާގަ ނެތިގެން އެ މީހުންނާ ހަވާލުވުމަށް އުޒުރުވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށައް ކަނޑައެޅޭ އަދަބުގެ ޖުމްލަ މުއްދަތަށްވުރެ އިތުރު ނުވާ ގޮތެއްގެ މަތިން އެކިއެކި ބާވަތްތަކުގެ އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކޯޓްތަކަށް ލިބިގެންވާ ކަމަށެވެ. ޝަމީމް އިޝާރަތް އެ ކުރައްވަނީ ބައެއް ކުށްތަކުގައި ޖަލު ހުކުމްގެ ބަދަލުގައި އެހެން އަދަބުތައް ކަނޑައެޅުމުގެ އިހްތިޔާރު ދީފައިވާ ދިނުމަށެވެ. ޕީޖީ ވިދާޅުވީ އެކަންކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީއާއި ބަންޑާރަނާއިބުގެ އޮފީހާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގާނޫނުލްއުގޫބާތު ބުނާގޮތުން ޖަލު ހުކުމުގެ އަދަބު ގޭ ބަންދަށް ނުވަތަ ޖޫރިމަނާ އަށް ނުވަތަ މުޖްތަމައަށް ހިދުމަތް ކުރުން ފަދަ އަދަބަކަށް ބަދަލު ކުރެވިދާނެ އެވެ. އަދަބުގެ ބާވަތް ބަދަލު ކުރާ ނަމަ، އެކަން ކުރެވޭނެ މުއްދަތުތަކާއި ޖޫރިމަނާގެ އަދަދުތައް ވެސް ގާނޫނުލްއުގޫބާތުގައި ހިމަނާފައި ވެއެވެ.

އެކަމަކު ނުރައްކާތެރި ކުށްތަކުގައި ނުވަތަ ކުށްވެރިޔާ ބަންދު ކުރުން ކޮންމެހެން ބޭނުންތެރި ނަމަ އަދި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި އެ މީހެއްގެ އަދަބުގެ މަދުވެގެން ހަތަރު ބައި ކުޅަ އެއް ބައި ވާން ޖެހޭނީ ޖަލަށްލުން ކަމަށް ގާނޫނުލްއުގޫބާތުގައި ވެއެވެ.

ކަރެކްޝަނުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާ ހަވާލުވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި މާފުށީ ޖަލުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާ އެކަން ހައްލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.