ކުރީގެ އަޑި ޕާކް ސަރަހައްދުގައި ބަހައްޓާފައި ހުރި "ބަޖިޔާ ގާ" މޮނިއުމަންޓް ހޯއްދަވާފައިވާ ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވުމުން، އެ ގާ ގެއްލިގެން ނޫޅޭ ކަމަށް ވިދާޅުވެ، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީން ރައްދު ދެއްވައިފިއެވެ.

ބަޖިޔާ ގާ ހޯދިފައިވާ ކަމަށް ވިދާޅުވެ ޝިފާ މިއަދު ޓްވީޓް ކުރެއްވީ ބަޖިޔާ ގާ މޮނިއުމަންޓް ވީތަނެއް އެނގޭތޯ އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ފަރާތުން ވަނީ އެ މޮނިއުމަންޓް މިހާރު ލޮނިޒިޔާރަތް ކޮޅުގައި ތަރައްގީ ކުރަމުންދާ ޕާކުގައި ނުވަތަ ދާރުލްއާސާރުގައި ބެހެއްޓުން ކިހިނެތް ވާނެތޯ ވެސް ސުވާލުކޮށްފައެވެ.

ޖަވާބުގައި ޝިފާ ވިދާޅުވީ، އެ ގާ ހޯއްދަވާފައިވާ ކަމަށާއި، ޖަޕާނު ސަރުކާރުން މާލެ ވަށާ ލައިދިން ތޮށިގަނޑުގެ ހަނދާނުގައި ބެހެއްޓި މޮނިއުމަންޓް އެއްލާލައިގެން ނުވާނެ ކަމަށެވެ.

ޝިފާ މިހެން ވިދާޅުވުމުން ރައްދުގައި ފަޒީން ވިދާޅުވީ، ޝިފާ ދެއްވި ޖަވާބުން ވެސް މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ޝިފާ ވަޑައިގެން އެތަން ނުބައްލަވާކަން އެނގިގެންދާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު އޭނާ އެތަނަށް ވަޑައިގަންނަވާއިރު، މޮނިއުމަންޓް ގާ ފެނިވަޑައިގަންނަވާ ކަމަށާއި، އެ ގެއްލިގެން ނޫޅުއްވާ ކަމަށް ފަޒީން ވިދާޅުވިއެވެ.

ފަޒީންގެ ޓްވީޓުގައި އޭނާ ވަނީ ބަޖިޔާ ގާ މޮނިއުމެންޓްގެ ފޮޓޯއެއްވެސް ހިއްސާ ކުރައްވާފައެވެ. ފޮޓޯ އިން ފެންނަ ގޮތުން، އެ މޮނިއުމެންޓް އޮތީ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގެ ގޯތިތެރޭގައެވެ.

ކުރީގެ އަޑި ޕާކް ސަރަހައްދުގައި ހުރި ބަޖިޔާ ގާ މޮނިއުމަންޓަކީ މާލެ ވަށާ ޓެޓްރަޕޮޑް ބޭނުންކޮށްގެން ހަދާފައިވާ ބޭރު ތޮށީގެ ރަމްޒެކެވެ. ޖަޕާން ސަރުކާރުގެ އެހީގައި މާލެ ވަށާ ލައިފައިވާ ޓެޓްރަޕޮޑް ތޮށްޓަކީ މާލޭގެ ސަލާމަތަށް އޭރު ލެވުނު މުހިންމު ތޮށްޓެކެވެ. އެ މަޝްރޫއަށްފަހު އެ ކަމުގެ ތާރީހީ ހަނދާނެއްގެ ގޮތުގައި އަޑި ޕާކްގައި ބަހައްޓާފައި ހުރި ބަޖިޔާ ގާ ނަގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖްގެ މަސައްކަތް ފެށުމަށެވެ.