ކ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމާ ސަރުކާރުން ހިލާފުވެފައިވާ ކަމަށް ބުނެ، ސިންގަޕޫރު އާބިޓްރޭޝަން މައްސަލައެއް ހުށަހަޅައިފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، "ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑް" އާއި ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީއާ ދެމެދު ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްގީ ކުރުމާ ގުޅޭގޮތުން 18 ޖަނަވަރީ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމާ ދިވެހި ސަރުކާރުގެ ފަރާތުން ހިލާފުވެފައި ވާކަމަށް ބުނެ އެ މައްސަލަ އާބިޓްރޭޝަނަށް މިދިޔަ ބުދަ ދުވަހު ހުށަހަޅާފައި ވާކަން އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ނޯޓިސް އޮފް އާބިޓްރޭޝަންގައި ބަޔާން ކޮށްފައިވާ ގޮތުގައި އެ މައްސަލައަކީ، ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް އިމާރާތް ތަރައްގީކުރުމަށް "ސަބްލީސް" ކުރުމަށް އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުށިދިއްގަރު ފަޅު ސަރުކާރުން އެފަރާތަށް ދޫކޮށްފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އޮފީހުން ބުނީ، އެ މައްސަލައާ ގުޅިގެން އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށާއި، އާބިޓްރޭޝަނަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާކަމާއި، އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަން ފާހަގަ ކުރާ ކަމަށެވެ.
ފުށިދިއްގަރު ފަޅަކީ ޑރ. ވަހީދުގެ ވެރިކަމުގައި ނިއުޒީލަންޑުގެ ވިޔަފާރިވެރިއެއްގެ ހިއްސާ އޮތް "ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑް" 50 އަހަރަށް ކުއްޔަށް ދޫކުރި ފަޅެކެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކީ އަހުމަދު އަދީބެވެ.