ސްރީލަންކާއަށް ލިބިފައިވާ ސަރަހައްދީ ނަޒާހާތްތެރިކަމާ އެގައުމުގެ އިސްތިގުލާލަށް އިހުތިރާމް ކުރާކަމަށް ޗައިނާއިން ބުނެފިއެވެ.

ސްރީލަންކާއާއި ގުޅިގެން ޗައިނާއިން މިފަދަ ރޫހެއްގައި ވާހަކަތަކެއް ދައްކާފައި މިވަނީ، ޗައިނާއިން ނެގި ދަރަންޏެއްގައި ސްރީލަންކާގައި ތަރައްގީ ކޮށްފައިވާ ހަމްބަންޓޯޓާ ބަނދަރާ ގުޅިގެން ސްރީލަންކާއިން ކަންތައްތަކެއް ސާފުކޮށްދިނުމުން އެކަމަށް މަރުހަބާ ކިއުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

ޗައިނާ އެމްބަސީއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ބޭރުގެ ކޮރަސްޕޯންޑަންޓުންނާއެކު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ދައްކަވާފައިވާ ވާހަކަފުޅުތައް ގަބޫލުކުރާ ކަމަށެވެ.

ހަމްބަންޓޯޓާ ޕޯޓްގެ ތަރައްގީއާއި ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތްތައް ޕްރޮމޯޓްކުރުމަށްޓަކައި، އެއްބަސްވުންތައް އެކުލަވާލާފައިވާ ފަރާތްތަކާއެކު ސްރީލަންކާގެ ފަރާތުން މަސައްކަތް ކުރުމަށް ބޭނުންވާ އެއްބާރުލުމާ އިރުޝާދު ދިނުމަށް އެގައުމުން އޮތީ ތައްޔާރަށް ކަމަށްވެސް ޗައިނާގެ އެމްބަސީއިން އާންމުކުރި ބަޔާނުގައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ގޮތަބާޔާ ރާޖަޕަކްސަ ވަނީ ހަމްބަންޓޯޓާ ޕޯޓްއާއި ގުޅިގެން ޗައިނާއާއިއެކު އެކުލަވާލާފައިވާ އެއްބަސްވުމާ، އެކަމާ ގުޅުންހުރި ވިޔަފާރީގެ އެއްބަސްވުން އަލުން މުރާޖައާ ކުރުމުގެ ފިކުރެއް ސްރީލަންކާގެ ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.

ހަމްބަންޓޯޓާ ބަނދަރު ހެދުމަށް ސްރީލަންކާއިން ޗައިނާއަށް ދަރާފައިވާ ދަރަނި އަދާކޮށް ހަލާސްކުރެވޭނެ ކަމުގެ އިތުބާރު ސްރީލަންކާއަށް އެބައޮތް ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވެސް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޗައިނާ އެމްބަސީއިން ބުނީ ހަމްބަންޓޯޓާ ޕޯޓްގެ ސެކިއުރިޓީއާއި ޕޯޓް ކޮންޓްރޯލްގެ ބާރު އޮންނާނީ ސްރީލަންކާ ސަރުކާރާ އަސްކަރިއްޔާގެ އަތްމަތީގައި ކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިނާއިން ނުފޫޒާއި ބާރުގަދަ ކުރަމުންދާ ކަމުގެ ވާހަކަތަކެއް ބައިނަލްއަގުވާމީ ފެންވަރުގައި ދެކެވެމުންދަނިކޮށް ހަމްބަންޓޯޓާ ބަނދަރު، 99 އަހަރުގެ މުއްދަތަކަށް ސްރީލަންކާއިން ޗައިނާއަށް ލީޒްކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.