ލަނޑާ ނަގާ ދޯންޏެގައި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިން އެރަށު ބީޗް ހައުސް، އިސްމާއިލް އާސިފުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްފައި ވަނީ އިއްޔެކަމަށެވެ. އާސިފަށް ތުހުމަތު ކޮށްފައި ވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 (ށ) އަށް ރިއާޔަތްކޮށް، މުޖްތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ. އޭގެ އިތުރުން އާސިފަކީ، ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުންދާ މީހެއްކަމަށް ބުނާތީވެ އެކަންތައް ބެލުމަށްވެސް އެ އަމުރުގައި ބުނެފައިވާ ކަމަށް ކޯޓުން ބުނެފައި ވެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައި ވަނީ، ހައްމާދަށް ހަަމާލާ ދިން ކަމަށް މުއްދަތު މަޖިލީހެއްގައި އިސްމާއިލް އާސިފް އިއުތިރާފު ވެފައިވާ ކަމަށެވެ. އަދި ހައްމާދަށް ހަމަލާ ދިން ވަޅިވެސް ކަނޑުން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީއާ ގުޅިގެން މި މަހު އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ހައްމާދަށް ހަމާލާ ދިން ވަގުތު ދޯނީގައި ހައްމާދާއެކު އިތުރު ދެމީހަކު ތިބި ކަމަށެވެ. ހައްމާދަށް ހަމާލާ ދިނީ އިސްމާއިލް އާސިފް ކަމަށާއި އަނެއް މީހާ އޮތީ ނިދާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އއ. މާޅޮސް ބޭރުގައި އޮތް "ޖަރީ" ނަމަކަށް ކިޔާ ލަނޑާ ދޯނީގައި ހިނގި މާރާމާރީގައި މަސްކަނޑާ ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 26 އަހަރުގެ އިސްމާއީލް ހައްމާދެވެ. އޭނާއަށް ހަމާލާދިން ކަމުގެ ތުހުމަތުގައި މިދިޔަ މަހު 23 ވަނަ ދުވަހު ހައްޔަރު ކުރީ ހަމަ އެރަށު ބީޗްހައުސް އުމުރުން 30 އަހަރުގެ އިސްމާއިލް ނާސިފެވެ.
އާސިފުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވާއިރު، ކުޑަ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގެ ތުހުމަތުގައި އިސްމާއީލް ހައްމާދަށް 15 ދުވަހުގެ ބަންދެއް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.