ގާތްގަނޑަކަށް 8 އަހަރު ދުވަސްވީ ހަނގުރާމައެއް ކުރަމުން އަންނަ ސޫރިޔާއިން ނިކުންނަ އިތުރު ރެފިއުޖީންނަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަމެއް އެގައުމުގައި ނެތްކަމަށާ، ރެފިއުޖީންގެ އިތުރު "ރާޅެއް" ތަހައްމަލު ކުރުމުގެ ބާރެއް އެގައުމުގައި ނެތް ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެއެވެ.

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ ބޮޑު ކޮންޓްރޯލްއެއް އޮތް ސޫރިޔާގެ ހުޅަނގު އުތުރު އިދްލީބް ޕްރޮވިންސްގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދަށް އެއްބާރުލުންދޭ އަސްކަރީ ބާރުތަކުން އޮޕަރޭޝަންތައް ވަރުގަދަ ކުރަން ފަށާފައިވާއިރު، އިދްލީބު ޕްރޮވިންސް ދޫކޮށް ތުރުކީވިލާތަށް އެތެރެވާ ރެފިއުޖީންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރުވެސް މިފަދަ އެތައް ހާސް ބަޔަކު ތުރުކީވިލާތަށް އެތެރެވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ ރެފިއުޖީ އާބާދީގެ ރެކޯޑްތަކަށް ބަލާއިރު ސޫރިޔާއަށް ނިސްބަތްވާ 3.7 މިލިއަން ރެފިއުޖީން މިހާރުވެސް ތުރުކީވިލާތުގައި އެބަތިއްބެވެ.

ތުރުކީވިލާތުގެ އަސްކަރިއްޔާއިން ސޫރިޔާގައި ހަމަލާދޭން ފެށުމަށް ސޫރިޔާއަށް ވަންނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

މިއާއެކު އުރުދުގާން ވަނީ، ރެފިއުޖީންގެ އާ ރާޅެއް ނަގައިފިނަމަ އެކަމުގެ އަސަރު، ވިލާތުގެ ގައުމުތަކަށް ފޯރާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

އުރުދުގާން ވިދާޅުވީ ކީކޭ؟

އިނާމު ދިނުމުގެ ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުގާން ވިދާޅުވީ، ސޫރިޔާއާއި ރަޝިޔާގެ ބާރުތަކުން އިދްލީބުގައި ހަމަލާތައް ވަރުގަދަ ކުރަން ފެށިފަހުން ސަރަހައްދީ އިން ހުރަސްކޮށް އިދްލީބުން 80000 އެއްހާ މީހުން ތުރުކީވިލާތަށް އެތެރެވެފައިވާކަމަށެވެ.

އުރުދުގާން ވިދާޅުވީ، އިދްލީބުގެ ރަށްވެހިންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓުމަކަށް ނުގެނެސްފިނަމަ ހިޖުރަ ކުރާ މީހުންގެ އަދަދު އިތުރުވަމުންދާނެ ކަމަށެވެ. އަދި މިފަދަ ހާލެއްގައި، ތުރުކީވިލާތުން ގިނިކަންޏާ އެ ތަކުލީފުތައް އުފުލުމުގެ ގާބިލުކަމެއް އެގައުމުގައި ނެތް ކަމަށްވެސް އުރުދުގާންވަނީ ވިދާޅުވެފައެވެ. މިކަމުގެ ނޭދެވޭ އަސަރު، ވިލާތުގެ ގައުމުތަކަށް ފޯރާނެ ކަމަށް ވިދާޅުވެ އުރުދުގާންވަނީ ގްރީސްގެ ނަން ފާހަގަކުރައްވާފައެވެ.

ސުންނާފަތިވެފައިވާ ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި އާއިލާއެއް ހިނގާލާފައި ދަނީ/ފޮޓޯ: ރޮއިޓާޒް

އުރުދުގާން އިތުރަށް ވިދާޅުވީ، މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ތުރުކީވިލާތުގެ ވަފުދެއް ހޯމަ ދުވަހުގެ ވަގުތެއްގައި ރަޝިޔާއަށް ދަތުރުކުރައްވާނެ ކަމަށެވެ.

ރަޝިޔާއާއި ތުރުކީވިލާތުން ކުރިއަށް ގެންދިޔަ މަޝްވަރާތަކެއްގެ ނަތީޖާއެއްގެ ގޮތުން، ސޫރިޔާގެ ސަރުކާރުން އިދްލީބުގައި ހިންގަމުންދިޔަ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް މިދިޔަ އޯގަސްޓް މަހުގެ ތެރޭގައިވެސް ވަނީ މަޑުޖައްސާލާފައެވެ. ނަމަވެސް އެކި ކަހަލަ ހަމަލާތައް އަދިވެސް ކޮންމެ ދުވަހަކުވެސް އިދްލީބުގައި ދެމުންދާކަމަށް ޚަބަރު ލިބެއެވެ.

ތުރުކީއިން ބޭނުންވަނީ ކޮން ގޮތެއް؟

ތުރުކީވިލާތުން ބޭނުންވަނީ އެގައުމުގައި ތިބި ސޫރިޔާގެ ރެފިއުޖީން "ސޭފް ޒޯން"އަށް ބަދަލުވުމަށެވެ. މިއީ ސޫރިޔާގެ އިރު އުތުރުގައި އޮންނަ ސަރަހައްދެކެވެ. ކުރުދީ ހަނގުރާމަވެރިންގެ ކިބައިން މިސަރަހައްދު ސަލާމަތްކުރުމުގެ ނަމުގައި ތުރުކީވިލާތުން ވަނީ ސޫރިޔާގެ އިރު އުތުރު ސަރަހައްދުގައި އޮކްޓޯބަރު މަހުގެ ތެރޭގައި އަސްކަރީ އޮޕަރޭޝަނެއްވެސް ހިންގާފައެވެ.

ސޫރިޔާގައި އެންމެ ފަހުން އައިސިސްއިން ކޮންޓްރޯލް ކުރި ބާޣޫޒްއޭ ކިއުނު ސަރަހައްދު/ފޮޓޯ: ރޮއިޓާޒް

އުރުދުގާން ވަނީ ސޫރިޔާގެ ރެފިއުޖީން ސޭފް ޒޯނަށް ގެންދިއުމަށް ގައުމުތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. އެކަން އެހެން ނުވާނަމަ، ރެފިއުޖީން ވިލާތަށް އެތެރެވުމަށް 'ދޮރޯށިތައް ހުޅުވާލަންޖެހިދާނެ' ކަމުގެ އިންޒާރުވެސް އުރުދުގާން ވަނީ ދެއްވާފައެވެ.