މި ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި އެންމެ ގިނަ ބަޔަކު އިއްތިފާގުވި ޖަމާއަތަކީ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސްއެވެ. 2014 ވަނަ އަހަރުގެ ތެރޭގައި އިންތިހާއަށް ވަރުގަދަވެގެން އައި އައިއެސް ޖަމާއަތުގެ ބާރު މަޑުމަޑުން ފަނޑުވަމުން ގޮސް، މިދިޔަ 2 އަހަރެއްހާ ދުވަހު އެ ޖަމާއަތުގެ ނުރައްކަލާއި ބާރު، މެދުއިރުމަތީގައި އޮތީ ކުޑަ މިންވަރަކަށެވެ. ކަންމިހެން އޮތް ނަމަވެސް، މިހާރު ލިބެމުންދާ ޚަބަރަކީ އައިއެސް ޖަމާއަތުގެ ގޮފިތައް އިރާގުގައި އަނެއްކާވެސް ރުކުރުވާލަމުން އަންނަ ކަމުގެ ޚަބަރެވެ. ކުރުދީންނާއި ހުޅަނގުގެ ޖާސޫސީ އޮފިޝަލުންގެ ވާހަކަވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. އިރާގުގައި އައިއެސްގެ ބާރު ގަދަކުރަމުން އަންނަ ކަމަށާ، އެ ޖަމާއަތުން ދޭ ހަމަލާތަކުގެ އަދަދުވެސް އިތުރު ކުރަމުން އަންނަ ކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.
ނުރައްކާތެރި އައިއެސް ޖަމާއަތެއް ވަރުގަދަ ވާއިރު ޓެރަރިޒަމްއާއި ދެކޮޅަށް މަސައްކަތްކުރާ ކުރުދީ އޮފިޝަލެއް ކަމަށްވާ ލާހޫރު ތޮލަބާނީ ބުނާ ގޮތުގައި އަލަށް އުފެދިގެން އަންނަ އިއެސް ބާރުގެ ހަނގުރާމަވެރިންނަކީ އަލް-ގައިދާ ޖަމާއަތަށްވުރެ 'ހުނަރުވެރި' އަދި މާ ނުރައްކާތެރި ހަނގުރާމަވެރިންތަކެކެވެ. އެމީހުންގެ އުކުޅުތަކާ ހުނަރުތައް މާ 'ފުރިހަމަ' ކަމަށާ، މާ ގިނަ ފައިސާވެސް އެމީހުންގެ އަތުގައި އެބަހުރި ކަމަށް ތޮލަބާނީ ބުނެއެވެ. ޓެކްނޮލޮޖީގެ ރޮނގުން އެންމެ ޒަމާނީ ގާބިލުކަން ލިބިފައިވާ އައިއެސްގެ އާ ހަނގުރާމަވެރިންނަކީ އުޅަނދުތަކާ ހަތިޔާރުގެ އިތުރުން ކާބޯތަކެއްޗާ އެނޫންވެސް ތަކެތި ގަތުމުގެ ތަނަވަސްކަން ހުރި ބައެއް ކަމަށާ، އެއީ 'އަލް-ގައިދާ ހަނގުރާމަވެރިންނަށް ވަރުގަދަ ސްޓެރެއޮއިޑެއް' ދީފައި ދޫކޮށްލުމުން އުޅޭ ޒާތުގެ ހަނގުރާމަވެރިންތަކެއް ކަމަށްވެސް، ސައްދާމު ހުސައިންގެ ވެރިކަމަށްފަހު އާއިލާއާއެކު އިނގިރޭސިވިލާތަށް ހިޖުރަކޮށްގެން އުޅޭ ތޮލަބާނީ ވަނީ ސިފަކޮށްފައެވެ.
ޖާސޫސީ އޭޖެންސީތަކެއް ހިންގަމުން އަންނަ ތޮލަބާނީ ބުނި ގޮތުގައި އައިއެސްގެ ބާރު ގަދަ ކުރަމުން އަންނަނީ އިރާގުގެ އުތުރުގައި އޮންނަ ސުލައިމާނިއްޔާ ސަރަހައްދުގައެވެ. ފާއިތުވީ 12 ވަރަކަށް މަސްދުވަސް އައިއެސްއިން ހޭދަކޮށްފައިވަނީ ސުންނާފަތިވެފައިވާ އެ ޖަމާއަތުގެ 'ހިލާފަތު' އާރާސްތު ކުރުމަށް ކަމަށާ، ނަމަވެސް މިހާރު އެ މަރުހަލާވެސް 'ފުރިހަމަ' ކޮށްފައިވާކަމަށް ތޮލަބާނީ ވަނީ ތުހުމަތު ކުރައްވާފައެވެ.
މިހާރު އުފެދިފައިވާ އައިއެސްގެ ބާރަކީ މާ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތެއް ކަމަށް ތޮލަބާނީ ގަބޫލުކުރެއެވެ. އެގޮތުން މިހާރު އުފެދިފައި އޮތް އައިއެސް ޖަމާއަތަކީ ވަކި ސަރަހައްދެއް ކޮންޓްރޯލް ކުރާނެ ބައެއް ނޫންކަމަށާ، އެއީވެސް އިތުރު ހަމަލާތަކަކުން އެ ޖަމާއަތް ސަލާމަތްވުމަށް ބޭނުން ކުރާ އުކުޅެއް ކަމަށް ތޮލަބާނީ ކިޔައިދިނެވެ. އާ ސަސްކަފުގެ ފެށުމާއެކު އެމެރިކާއާއި މުޅި ދުނިސިއްސުވާލި ވަރުގަދަ ޓެރަރިސްޓް އަލް-ގައިދާ ޖަމާއަތެކޭ އެއްގޮތަށް އައިއެސްގެ އާ ޖަމާއަތްވެސް ހަރަކާތްތެރިވަނީ 'ބިންގަރާސް' ޖަމާއަތެއްގެ ގޮތުގައި އިރާގުގެ ހަމްރީން ފަރުބަދަތަކުގެ ސަރަހައްދުގައި ކަމަށްވެސް ތޮލަބާނީ ވަނީ ބުނެފައެވެ.
ހަމްރީން ފަރުބަދަބަރިއަކީ ބޮޑު ސަރަހައްދެއް ކަމުން، މި ސަރަހައްދަކީ އިރާގުގެ އަސްކަރިއްޔާއިން މާ ފަސޭހައިން ކޮންޓްރޯލް ކުރެވޭ ސަރަހައްދެއް ނުންކަމަށް ތޮލަބާނީ ބުނެއެވެ. މިހާރުން މިހާރަށް ބަލާއިރުވެސް އައިއެސްއިން ފިލަން ވަދެ ތިބޭ ކިތަންމެ ހޮހަޅާއަކާ ކިއްލާއެއް އެ ފަރުބަދަބަރީގައި އެބަހުރި ކަމަށް ތޮލަބާނީ ބުނެއެވެ.
އިރާގު މަސްރަހުން އައިއެސްއަށް ރަނުގެ ފުރުސަތުތަކެއްކަންމިހެން އޮތްއިރު، މި ދަނޑިވަޅަކީ އިރާގުގައި އާންމު އަދި ސިޔާސީ މަސްރަހުގައި ވަރުގަދަ ކޯޅުންތަކެއް ހިންގަމުންދާ ދަނޑިވަޅަކެވެ. އަދި މިކަމުގެ ނާޖާއިޒު ފައިދާ އެންމެ ފުރަތަމަ ނަގާނެ ބަޔަކީވެސް އަލަށް ވަރުގަދަ ކޮށްފައިވާ އައިއެސް ޖަމާއަތް ކަމުގެ އިންޒާރުވެސް ތޮލަބާނީ ވަނީ ދީފައެވެ.
އިރާގުގެ މަސްރަހު މިވަގުތު އޮތް ގޮތުން، ހަނގުރާމަވެރިންވެސް ދަނީ ބަގުދާދުގެ މައި ސަރުކާރާ ކުރުދިސްތާނު ސަރަހައްދީ ސަރުކާރާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ފައިދާ ނަގަމުންނެވެ. 2017 ވަނަ އަހަރު ކުރުދީންގެ މިނިވަންކަމަށް ނެގި ވޯޓާއެކު ވަކި ބައެއްގެ މިލްކިއްޔާތުގެ ދަށަށް ނުވަންނަ ބޮޑު ސަރަހައްދެއް އިރާގުގެ އުތުރުގައި އެބައޮތެވެ. ތޮލަބާނީ ބުނާ ގޮތުގައި، އެސަރަހައްދުގައު ޕެޓްރޯލް ކުރާ ހަމައެކަނި ބަޔަކަށް މިވަގުތު ތިބީ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.
ވެލިބަސްތާތަކުން ހަދާފައިވާ ޗެކްޕޯސްޓްއެއްގައި އެސަރަހައްދު ފެންނަ ގޮތަށް ފޯރިމަރަމުންދާ އިރާގު ޕެޝްމާގްރާ އަސްކަރިއްޔާގެ މޭޖާ ޖެނެރަލް ސިރުވާން ބަރްޒާނީ ވިދާޅުވާ ގޮތުގައި ވެރިއަކު ނެތް ސަރަހައްދު ކޮންޓްރޯލް ކުރަމުންދަނީ އައިއެސްއިންނެވެ. އެ ޖަމާއަތުން އެ ސަރަހައްދުގައި ހިންގާ ހަރަކާތްތައް އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވެސް ކުރަމުން ކަމަށް މޭޖާ ޖެނެރަލް ފާހަގަކުރެއްވިއެވެ.
ޖާސޫސީ ރިޕޯޓްތައް ބުނާ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިންގެ އަދަދުވެސް ދަނީ އިތުރުކުރަމުންނެވެ. މީގެ ތެރޭގައި އެސަރަހައްދަށް ވަންނަ ބޭރުގެ ހަނގުރާމަވެރިންވެސް ހިމެނެއެވެ. މިމީހުން އިރާގަށް އެތެރެވަނީ ސޫރިޔާ ބޯޑަރު ހުރަސްކޮށެވެ. މޭޖާ ޖެނެރަލް ވިދާޅުވީ 2012 ވަނަ އަހަރާ 2019 ވަނަ އަހަރާ އަޅާ ކިއާއިރު އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އައިއެސް އިން މިހާރު ދަނީ 2012 ވަނަ އަހަރެކޭ އެއްގޮތަށް އެ ޖަމާއަތުގެ ކަންކަން އިންތިޒާމު ކުރަމުކޮށް މީހުން އަތުން 'ޓެކްސް' ނަގަމުން ކަމަށާ، މިދާ ވަރުން ދާނަމަ، 2020 ވަނަ އަހަރުގެ ތެރޭގައި އައިއެސް ޖަމާއަތް ވަކިން ބޮޑަށް ބާރުގަދަވެ، އިތުރު ހަމަލާތަކެއް ދޭނެ ކަމަށްވެސް މޭޖާ ޖެނެރަލް ވަނީ ލަފާކުރައްވާފައެވެ.
އެމެރިކާގެ އިއުތިރާފުއިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާއިންވެސް ވަނީ އިރާގުގައި އައިއެސްގެ ބާރު ގަދަވަމުންދާކަމަށް އިއުތިރާފުވެފައެވެ. އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ އަސްކަރިއްޔާގެ އިސް ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ވިލިއަމް ސީލީ ވިދާޅުވާ ގޮތުގައި 2014 ވަނަ އަހަރާ އަޅާ ބަލާއިރު އައިއެސް ޖަމާއަތް މިހާރު އޮތީ މާ ބޮޑަށް ތައްޔާރީ ހާލަތުގައެވެ. ކަންމިހެން އޮތް ނަމަވެސް، އިރާގުގެ ސަލާމަތީ ބާރުތައް އޮތީކީ 2014 ވަނަ އަހަރުގެ ހާލެއްގައި ނޫންކަމަށާ، އެމެރިކާއިން ފުދޭ ވަރަކަށް ތަމްރީނާ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ސީލީ ވަނީ ވިދާޅުވެފައެވެ.
އޮކްޓޯބަރު މަހުގެ މެދަކާ ހިސާބުން ފެށިގެން ނޮވެމްބަރު މަހުގެ މެދަކާ ހިސާބަށް ކުރިއަށް ގެންދިޔަ ކްލިއަރަންސް އޮޕަރޭޝަންތަކުގައި 170 އަށްވުރެ ގިނަ ސަރަހައްދު 'ސާފު'ކޮށް، 1700 އެއްހާ ގޮވާތަކެތި ނައްތާލާފައިވާކަން އެމެރިކާގެ ކޮމާންޑަރު ވަނީ ފާހަގަކުރައްވާފައެވެ.
މިހާރުގެ ހާލަތަށް ބަލާއިރު އައިއެސްގެ ހަނގުރާމަވެރިން ފިލާތިބެނީ އިސްވެ ބަޔާންކުރެވުނު ފަރުބަދަބަރީގެ ސަރަހައްދުގައި ހުރި ހޮހަޅަތަކުގައެވެ. އެތަންތަނުން ހަނގުރާމަވެރިން ނިކުންނަނީ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށެވެ. އަދި ހަމަލާ ދިނުމަށްފަހު އަނެއްކާވެސް ފިލަނީއެވެ. ނަމަވެސް މިއީ އިރާގަށް އާ ކަމެއް ނޫނެވެ. މިކަމާ ކަންބޮޑުވުން އުފައްދަނީ މެދުއިރުމައްޗާ ހުޅަނގުގެ ބާރުތަކުންނެވެ.
އެކަމް އައި އެސް 100 ފަހަރު ބަލިކޮށްފި ކަމަށް ބުނެ ޓުރަމްޕޭ ފޮނި ކެނޑި އަޑުއެހިން. އައި އެސް އިން ބޮޑެތި ގޮންޖެހުން އެކުވެސް ބައްޔެއް ނުވޭ. އަޖައިބުން އަޖައިބު ވާވަރުގެ ކަމެއް!