ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަކީ އެއްވެސް މީހަކު ބޭނުންހާ ގޮތަކަށް މާނަ ކުރެވޭނެ އެއްޗެއް ނޫން ކަމަށް ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އެކުލަވާލި ގާނޫނުއަސާސީގެ ފޮޓޯއެއް ޓްވީޓް ކުރައްވައި ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ގާނޫނުއަސާސީއެއް އެކުލަވާލީ 1932ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހު ކަމަށެވެ. ރާއްޖޭގައި ވެރިކަމުގެ ބާރުތައް ބެހިފައިވާ ގޮތް ގާނޫނުއަސާސީގައި އޭރުވެސް ބަޔާންކޮށްފައި ވާކަން ފާހަގަ ކުރައްވައި ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރަމުން ދިޔައީ އޭރުންސުރެ ގާނޫނުއަސާސީގެ ދަށުން ކަމަށެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވީ ސީދާ ކޮން ބޭފުޅަކާ ދިމާއަށް ކަމެއް ނުވަތަ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެއެވެ. ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަކީ ވެސް ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ގެނެސްފައިވާ އެއްޗެކެވެ. އެހެންނަމަވެސް އެ ގާނޫނުއަސާސީއަކީ ވެސް ވަކި މީހަކު ނުވަތަ ވަކި ބަޔަކު ވެގެން ކުރި ކަމެއްގެ ގޮތުގައި ތަފާތު އެކި ފޯރަމްތަކުގައި ބައެއް ފަރާތްތަކުން އަންނަނީ ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ.