ހަރުކަށި ފިކުރަކީ ކޮބާ ކަމާއި، ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) އިން ކިޔައިދީފިއެވެ.

އެންސީޓީސީން ބުނީ، ހަރުކަށި ފިކުރަކީ ގާނޫނު އަސާސީގެ ރޫހާއި، ގާނޫނީ ހަމަތަކާއި، އާންމު އިޖުތިމާއީ އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިިކޮށް ހިތުމުގެ ފިކުރު ކަމަށެވެ.

ހަރުކަށި ފިކުރަކީ ކޮބާކަން އިތުރަށް ތަފްސީލު ކުރަމުން އެންސީޓީސީން ބުނީ، ހަރުކަށި ފިކުރަކީ އެތަނެއްގެ ސަގާފަތާއި، ޒަމާންވީ އާދަކާދަތަކައި، ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެފައިވާ ފިކުރެއް ކަމަށެވެ. އަދި ތަނެއްގައި އޮންނަ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެތިބެ، އެބައެއްގެ ފިކުރަށްތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫންކަމަށް ބުނެ، އެގޮތަށް ދެއްކުމަށް ހަރުކަށި ފިކުރުގެ މީހުން މަސައްކަތް ކުރެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަ ކަމެއް ކަމުގައި ބުނެ، އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނައާ މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން ކުރުމުގެ ފިކުރަކީ ވެސް ހަރުކަށި ފިކުރެވެ.

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތްތައް:

  • ހަރުކަށި ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ ޠާއޫތުން ކަމަށާއި، މުސްލިމުން ނޫން ކަމަށް ބުނެ، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަކަމެއް ކަމުގައި ބުނެ، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަމަށް ދައްކުވައިދިނުން
  • ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށްބުނެ، ދިވެހި ގައުމިއްޔަތް އިންކާރުކުރުން
  • ގާނޫނު އަސާސީއަކީ ބާތިލް އެއްޗެއް ކަމަށް ދެކި، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފުވެ، ސަގާފަތާއި ޒަމާންވީ އާދަކާދަތަކަން އިސްކާރުކޮށް، ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލުވާލަން މަސައްކަތް ކުރުން
  • ގައުމީ ދިދައާ ދިވެހިދައުކަތުގެ ނިޝާނާއި ގައުމީ ސަލާމް ބަލައިނުގަތުން
  • ސްކޫލްތަކުގެ ގައުމީ ތައުލީމީ މަންހަޖުތައް ބަލައިނުގަނެ، ދަރިވަރުން ސްކޫލަށް ހާޒިރުނުކުރުން
  • މި ފިކުރަށް މަގުފަހިވާ ގޮތަށް ވަކާލާތުކުރުން
  • ބައިނަލްއަގްވާމީ ސިއްހީ މިންގަޑުތަކުން ކުދިން މަހުރޫމު ކުރުވުމާއި ރާއްޖޭގެ އަންނަންއޮތް ޖީލަސް ނުރައްކާވާފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވާ ފެތުރުން
  • އިންސާނީހައްގުތަކަށް ބެލުމެއްނެތް އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރުވިކަމަށް ބުނެ ތުއްތު ކުދިންނަށް ޖިންސީ ގޯނާކުރުން

ހަރުކަށި ފިކުރަކީ ކޮބާކަމާއި، އެ ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް އެންސީޓީސީން ތަފްސީލު ކޮށްދީފައި މިވަނީ، ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރި، ބައެއް ރަށްރަށުގައި އަތްނުފޯރާ ފަށަށް މިކަންތައް ބޮއްސުން ލައިގެން ގޮސްފައިވަނިކޮށެވެ. އެގޮތުން މި ފިކުރުގެ 1570 އެއްހާ މީހުން ރާއްޖޭގައި އުޅޭ ކަމަށް ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ.