ޗައިނާއާއި ރަޝިއާގެ އަތްތައް ވަނީ ސޫރިޔާގެ ލެއިން ފޯވެފައިވާ ކަމަށް ސިފަކުރައްވާ، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ފާޑުވިދާޅުވެއްޖެއެވެ.
ޗައިނާއާއި ރަޝިޔާއަށް އަމާޒު ކުރައްވާ، މިފަދަ މެރުމަކުން ޕޮމްޕޭއޯ ފާޑުވިދާޅުވެފައި މިވަނީ ސޫރިޔާގައި ހާލުގައި ޖެހިފައިވާ 4 މިލިއަނެއްހާ އާންމު ރައްޔިތުންނަށް އަހަރެއްހާ ދުވަހަށް ބޭނުންވާ އިންސާނީ އެހީ، ސަރަހައްދީ އިން ހުރަސްކޮށް ފޯރުކޮށްދިނުމަށް ބާރުދޭ ގޮތަށް އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއަޅާ، ވީޓޯ ކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ދެއްވި ބަޔާނެއްގައި ޕޮމްޕޭއޯ ވިދާޅުވީ ސޫރިޔާގެ އެތައް މިލިއަން ރައްޔިތުންނަކަށް ބޭނުންވެފައިވާ އިންސާނީ އެހީއަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއަޅާ، އެ ގަރާރު ވީޓޯ ކުރި ކުރުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.
ބެލްޖިއަމްއާއި ކުވައިތު އަދި ޖަރުމަނުވިލާތުން ފަރުމާކުރި ގަރާރަކީ ސޫރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީ، ތުރުކީވިލާތާ އިރާގުގެ 2 ސަރަހައްދެއް ހުރަސްކޮށް 12 މަސްދުވަހުގެ މުއްދަތަކަށް ސޫރިޔާއަށް އެތެރެކުރުމަށް ފުރުސަތުދޭ ގަރާރެކެވެ.
ސޫރިޔާގެ ރައީސް ބައްޝަރު އަލް-އަސަދަށް އެއްބާރުލުންދޭ ރަޝިޔާއިން ބޭނުންވަނީ ތުރުކީވިލާތުގެ 2 ސަރަހައްދަކުން 6 މަސްދުވަހުގެ މުއްދަތަކަށް ސޫރިޔާއަށް އެތެރެކުރުމަށް ފުރުސަތު ދިނުމަށެވެ. އަދި މިކަމަށް ރަޝިޔާއިންވަނީ ވަކި ގަރާރެއްވެސް ހުށަހަޅާފައެވެ.
ޗައިނާއާއި ރަޝިޔާއިން ގަރާރު ވީޓޯ ކުރި ނަމަވެސް ސަލާމަތީ މަޖިލީހުގެ އަނެއް 13 މެމްބަރުންވަނީ މި ގަރާރާ އެއްކޮޅަށް ވޯޓުދީފައެވެ. އދގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް ބޭނުންވަނީ އެންމެ މަދުވެގެން 9 މެމްބަރުންގެ ތާއީދެއެވެ. އަދި ދާއިމީ 5 މެމްބަރުންގެ ގޮތުގައި އޮތް ރަޝިޔާ، ޗައިނާ، އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ކުރެ އެއް ގައުމުންވެސް އެ ގަރާރެއް ވީޓޯ ނުކުރުމަކީވެސް ޝަރުތެކެވެ.
ސޫރިޔާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު އެކުލަވާލާފައިވާ އެއްބަސްވުމުގެ ސުންގަނޑި ހަމަވާނީ އަންނަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހަށެވެ.