ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ފައިސާވެރިން ކަމަށް ތުހުމަތުކުރައްވާ، އެއީ ކޮން ބައެއްކަން ހޯދުމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ގޮވާލައްވައިފިއެވެ.

ޝިފާ މިފަދައިން ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ހިދުމަތް "ކެފޭ" އުސޫލުން ހިންގާ ތަންތަނަށް އަމާޒުކޮށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކަށް ތައުރީފު ކުރައްވަމުންނެވެ. ޝިފާ ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިތައް ހިފައި ހައްޔަރުކުރާތީ އުފާކުރައްވާ ކަމަށެވެ.

ޝިފާ ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ އަޑީގައި ތިބި ބޮޑުން ހޯދައިގެން ނޫނީ މި ކަމުން ސަލާމަތް ނުވާނެ ކަމަށެވެ. އަދި މަސްތުވާތަކެތި އެތެރެ ކުރުމަކީ ފައިސާވެރިންނަށް ނޫނީ ވާނެކަމެއް ނޫން ކަމަށް ވިދާޅުވެ، އެމީހުންނަކީ ކޮން ބައެއްކަން ހޯދުމަށް ޝިފާ ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ޝިފާ ވަނީ ޑްރަގް ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ބަންދުކުރެވުނު ގިނަ މީހުން 2013ގެ ވެރިކަމަށް އައި ބަޔަކު ދޫކޮށްލާފައިވާ ކަމަށާއި، މިހާރު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން ގިނަ ވެގެން މިއުޅެނީ އެހެންވެ ކަމަށް ތުހުމަތުކުރައްވާފައެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން ރޭ ވެސް ވަނީ ދެ ގެއެއް ބަލާ ފާސްކޮށްފައެވެ. އަދި އެ ދެ ގެއިން ވަނީ 21 މީހުން ހައްޔަރުކޮށްފައެވެ. ރޭ ބަލާފާސްކޮށްފައި ވަނީ މ. އެވަރެސްޓުއާގެ އާއި ޏަމްޏަމްގެއެވެ. މި ދެ ގޭގެ އިތުރުން މިމަހު މިހާތަނަށް ފުލުހުން ވަނީ މ. ލޮނުމިދިލިގެ، މ. ފެޝަންމީޑް، މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ އަދި ގ. މެމޮރީވިލާ ބަލާފާސްކޮށްފައެވެ. މިގެތަކުން ފުލުހުން ވަނީ ޖުމްލަ 33 މީހަކު ހައްޔަރުކޮށްފައެވެ. މި ތަންތަނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަކުރާރުކޮށް ބަލައި ފާސްކުރެވިފައިވާ ތަންތަން ކަމަށްވެސް ފުލުހުން ވަނީ ބުނެއެވެ.