ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި ވައުލު ބުނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މުހައްމަދު ހަސަނަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓިލެއް ލަސްވީ ކަމަށް އިލްމުވެރިޔާ މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

އަނީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގދ. ތިނަދޫ/ ރެޑްސީ، މުހައްމަދު ހަސަނަށް އިސްވެ ހުރެ "ސަލަފީ އެމްވީ" ގެ ނަމުގައި ހިންގާ ޖަމިއްޔާއަކުން ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ހިންގާ ޖަރީމާތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ދީނީ ތަގުރީރު ކުރުމާއި ވައުލު ބުނުމަށް ދީފައިވާ ހުއްދަ ބާތިލް ކުރިލެއް ލަސް ކަމަށެވެ.

މުހައްމަދު ހަސަނަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މުހައްމަދު ހަސަންގެ އިތުރުން އަދި އިތުރު ދެމީހެއްގެ ހުއްދަވެސް ވަނީ ހިފަހައްޓާފައެވެ. އެއީ އަބްދުއްރަހްމާން މުހައްމަދު، މަނަދޫގެ، ނ. ޅޮހި އާއި ޖައުފަރު ފާއިޒް ދެކުނުގެ، ސ، މީދޫ އެވެ.

އެފަދަ ބޭފުޅުންގެ މަގްސަދަކީ ރާއްޖެއާއި ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިންގެ އަގު ވައްޓާލުން ކަމަށްވެސް އަނީލް ވިދާޅުވެފައި ވެއެވެ.

މަކްތަބާ ސަލަފިއްޔާއިން އިއްޔެ ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ. އެ ޕްރެސް ކޮންފަރެންސްގައި މުހައްމަދު ހަސަން ވިދާޅުވީ އެ ޖަމްއިއްޔާއާއި އަދި އޭނާގެ ބޮލުގައި ހަރުކަށި ފިކުރުުގެ ތުހުމަތުކޮށް މީޑިއާތަކުގައި ވާހަކަ ދެކެވެމުންދާ ކަމަށާއި، އެއީ މުޅިން ދޮގު ކަމަށް ވިދާޅުވެ އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ.

އެ ޖަމިއްޔާއިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖަމްއިއްޔަތުއް ސަލަފަށް ނިސްބަތްވާ ގިނަ ފަރާތްތަކެއްގެ ޓްވީޓުތަކާއި ލިޔުންތަކުން މަކުތަބާ ސަލަފިއްޔާއަށް ފާހަގަވެފައިވާ ކަންތައްތައް ނޫސްވެރިންނަށް ދައްކާފައިވެއެވެ.