ފުލުހުން މިހާރު ކުރިއަށް ގެންދާ ޑްރަގް އޮޕްރޭޝަންގައި އިތުރު ދެ ގެއެއް ބަލާ ފާސްކޮށް ޖުމްލަ 21 މީހުން ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ ބަލާ ފާސްކޮށްފައި ވަނީ ޏަމްޏަމްގެ އާއި މ. އެވަރެސްޓުއާގެއެވެ.

ޑްރަގް ޑިޕާޓުމަންޓުން ހިންގި އޮޕަރޭޝަނުގައި ޏަމްޏަމްގެއިން ވަނީ ޖުމްލަ 10 މީހުން ހައްޔަރުކޮށްފައެވެ. މީގެތެރޭގައި އަންހެނަކާއި އަދި ނުވަ ފިރިހެނުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ޏަމްޏަމްގޭގައި ހިންގި އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ:ޕޮލިސް

އަދި އެމީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ކަމަށާއި އަދި އެގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ދެވަނައަށް ބަލާ ބަލާ ފާސްކުރި މ. އެވަރެސްޓުއާގެ ރެއިޑްކޮށް ހިންގި އޮޕަރޭޝަނުގައި ޖުމްލަ 11 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ދެ އަންހެނުންނާއި އަށް ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މ. އެވަރެސްޓުއާގެ ރެއިޑްކޮށް ހިންގި އޮޕަރޭޝަނުގެ ތެރެއިން / ފޮޓޯ:ޕޮލިސް

މި ޑިސެމްބަރު މަހުން ފެށިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގައި، މިހާތަނަށް 33 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. މިތަނުން އެއް ބަޔަކު ކޯޓުންނާއި ފުލުހުން ދޫކޮށްލާފައިވާއިރު، މިހާރު ހައްޔަރުގައި ތިބީ ކިތައް މީހުން ކަމެއް ކަށަވަރެއް ނުވެއެވެ.

މ. އެވަރެސްޓުއާގެ އާއި ޏަމްޏަމް ގެ އާ އެކު ޖުމްލަ ހަތް ގެއެއް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. މި ދެ ގޭގެ އިތުރުން މިހާތަނަށް މާލެއިން ބަލައި ފާސްކޮށްފައިވަނީ މ. ލޮނުމިދިލިގެ، މ. ފެޝަންމީޑް، މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ އަދި ގ. މެމޮރީވިލާއެވެ. މި ތަންތަނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަކުރާރުކޮށް ބަލައި ފާސްކުރެވިފައިވާ ތަންތަން ކަމަށްވެސް ފުލުހުން ވަނީ ބުނެއެވެ.