މަކްތަބާ ސަލަފިއްޔާގެ މީހުންނަކީ ހަތަރުކަޅި ހަމަނުކޮށް ސަލާމް ބަލާ ނުގަނެ މޫނު އަނބުރާލާފައި ދާބައެއް ކަމަށާއި އެ ޖަމިއްޔާގެ ބައެއް ބޭފުޅުންގެ އަމަލު ތަކަކީ އެއްވެސް ގޮތަކުން އިސްލާމް ދީނާއި އެއްގޮތް އަމަލު ތަކެއް ނޫން ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

މަކްތަބާ ސަލަފިއްޔާއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދީނީ އިލްމުވެރިއެއް ކަމަށްވާ ގދ. ތިނަދޫ / ރެޑްސީ، މުހައްމަދު ހަސަން ދެއްކެވި ވާހަކަ ތަކަށް ރައްދުދެއްވާ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި ވަކި މީހުން ފާހަގަކޮށް، އެ ޖަމިއްޔާގެ މީހުން ފިޔަވާ އެހެން މީހުންނާ ހަތަރުކަޅި ހަމަނުކޮށް ސަލާމް ގޮވިޔަސް ބަލައި ނުގަނެ މޫނު އަނބުރާލާފައި ދާ "ސަލަފް" ގެ ބޭފުޅުންގެ އަމަލުތަކަކީ އިސްލާމް ދީނުގައި އޮންނަ އުސޫލުތަކެއް ނޫން ކަމަށެވެ.

އަދި އެއް މުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވާ ހިނދު ސަލާމް ކޮށްފި ނަމަ އެކަމުން މަތިވެރި ދަރުމަ ލިބޭ ކަމަށެވެ. އަދި ބައްދަލުވާ ހިނދު ހިނިތުން ވުމަކީ ކުރެވޭ ސޮދަގާތެއް ކަމަށް ވީ އިރު "ކުނި މޫނު" ދައްކައިގެން މީސްތަކުން، މަންހަޖްއިން ބޭރުކޮށް ދީނީ ދައުވަތު "ފުނޑާލަން" ފުރުސަތު ދެވިގެން ނުވާނެ ކަމަށްވެސް އިޔާޒް ވިދާޅުވެފައި ވެއެވެ.

އަދި ހަމަ އެހެންމެ އެ ފިކުރުގެ މީހުން ގަބޫލު ކުރާ ގޮތުގައި އެ މީހުންގެ އުސޫލުތަކާއި އެ ފިކުރު ގަބޫލު ނުކުރާ މީހުންނަށް ނުވަތަ ދީނީ އިލްމު ވެރިންނަށް ދަރުސް ނުދެވޭނެ ކަމަށްވެސް އިޔާޒް ގެ ވާހަކައިގައި ފާހަގަ ކުރައްވާފައި ވެއެވެ. އަދި ކާފިރުންގެ ވާހަކަ ދެއްކޭ ކަމަށާއި ނަމަވެސް އިސްލާމް ދީން ގަބޫލު ކުރާ މުސްލިމަކީ އެ މީހުންގެ ފިކުރުގެ މީހަކަށް ނުވާނަމަ ސަލާމްވެސް ގޮވާ ނުލެވޭ ކަމަށް އިޔާޒް ފާހަގަ ކުރައްވާ، މިއީ ރަސޫލާގެ ސުންނަތްތޯ ވަނީ ސުވާލު ކުރައްވާފައެވެ.

އަދި އިސްލާހުގެ މަގު އިހްތިޔާރު ކުރުމަށް މަކުތަބާ ސަލަފިއްޔާގެ މީހުންނަށް އިޔާޒް ވަނީ ގޮވާލައްވާފައެވެ.

މަކުތަބާ ސަލަފިއްޔާއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖަމްއިއްޔަތުއް ސަލަފަށް ނިސްބަތްވާ ގިނަ ފަރާތްތަކެއްގެ ޓްވީޓުތަކާއި ލިޔުންތަކުން މަކުތަބާ ސަލަފިއްޔާއަށް ފާހަގަ ވި ކަންތައްތައް ނޫސްވެރިންނަށް ދައްކާ އަދި ކިޔައި ދީފައިވެއެވެ. އެ ލިޔުންތަކުގައި ޖިހާދަށް ހިތްވަރު ދޭ ވާހަކަތައްވެސް ހުރިކަން ފާހަގަ ކުރެވުނެވެ.

އެ ޖަމިއްޔާއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދީނީ އިލްމުވެރިއެއް ކަމަށްވާ ގދ. ތިނަދޫ / ރެޑްސީ، މުހައްމަދު ހަސަން ވިދާޅުވީ އެ ޖަމްއިއްޔާއާއި އަދި އޭނާގެ ބޮލުގައި ހަރުކަށި ފިކުރުުގެ ތުހުމަތުކޮށް މީޑިއާތަކުގައި ވާހަކަ ދެކެވެމުންދާ ކަމަށާއި، އެއީ މުޅިން ދޮގު ކަމަށާއި ހަރުކަށީ ފިކުރު ފަތުރަން މަސައްކަތް ކުރަނީ އެހެން ބައެއް ކަމަށް ބުނެފައި ވެއެވެ.