ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކޮށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވި ހަތަރު މީހެއްގެ މައްސަލަ އަނބުރާ ފުލުހުންގެ އިދާރާއަށް ފޮނުވާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި ހަމަޖެހުން ނަގާލައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ބަޔަކު ހައްޔަރުކޮށް، އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާކުރަން ފޮނުވުމުން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަތައް އަނބުރާ ފުލުހުންނަށް ފޮނުވާލާފައިވާ ކަމަށެވެ.
ޕީޕީއެމް އާއި ޕީއެންސީއަށް ނިސްބަތްވާ މި މީހުންނަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކުރެވުނު މީހުންނެވެ. މީގެތެރޭގައި މި ދެ ޕާޓީގެ ކައުންސިލް މެންބަރުން ވެސް ހިމެނެ އެވެ. އެގޮތުން ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލްއާއި، ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)ގެ އިތުރުން މުހައްމަދު ލަތީފް ހިމެނެ އެވެ.
މީގެއިތުރުން އެ ރޭ ވަނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އެރޭ ފުލުހުން ވަނީ މިއެންމެން ދޫކޮށްލާފަ އެވެ.
މާލޭގައި އެއްވެ އުޅުމަކީ މަނާ ކަމެއް ކަމަށް ކަނޑައެޅީ ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނު މަޖިލީހުގެ ތެރެއިން އިސްލާހުކޮށްގެންނެވެ. އެ އިސްލާހަށް ފަހު ހެދި ގަވައިދުގައިވާ ގޮތުން މާލޭގައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައެވެ.