މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާ ގުޅިގެން އިއްޔެ ހައްޔަރު ކުރި މީހާއަކީ، ގާސިމްގެ ގާތިލު ކަމަށް ފުލުހުން ބުނެފިއެވެ.
މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާ ގުޅިގެން އިއްޔެ ހައްޔަރު ކުރި މީހާއަކީ، ގާސިމްގެ ގާތިލު ކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަ ކުރައްވާ، ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ ހައްޔަރު ކުރި މީހާ ވަނީ ގާސިމް މަރާލި ކަމަށް އިއުތިރާފުވެފައި ކަމަށެވެ. އަދި އޭނާ މިހާރު ދަނީ އެ މައްސަލާގައި ފުލުހުން ކުރަމުންގެންދާ ތަހުގީގަށް އެއްބާރުލުން ދެމުން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، އޭނާ އަތުލައިގަތުމަށް ބޭނުންކުރީ، ފުލުހުން ހޯދި ފޮރެންސިކް ހެކި ކަމަށެވެ. ސީޕީ ވިދާޅުވީ، ގާސިމް މަރާލިރޭ، އޭނާގެ ގާތިލު ލައިގެން ހުރި އަންނައުނު ފެނިފައިވާ ކަމަށާއި، އެ އެއްޗެހި ހުރީ ގާސިމް މަރާލާފައި އޮތްވާ ފެނުނު ސަރަހައްދާއި ކައިރި ހިސާބެއްގައި ފޮރުވާފައި ކަމަށެވެ.
މި މައްސަލާގައި އިތުރު ހެކި ހޯދާ، ތަހުގީގު ކުރިއަށްދާއިރު، ހައްޔަރު ކުރި ފިރިހެން މީހާގެ ބަންދަށް މިހާރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލު ހާމަ ކުރެއްވުމަށް އަންނަ ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ގާސިމް މަރާލާފައި އޮތްވާ ފެނުނުތާ ދެ ހަފްތާ ވެފައިވާއިރު، ފުލުހުން ވަނީ ގާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން ފިންގާޕްރިންޓާއި ޑީއެންއޭ ފަދަ ފޮރެންސިކް ހެކި އަދި އޭނާ މަރާލަން ބޭނުންކުރި ހަތިޔާރުވެސް އޭނާ މަރާލާފައި އޮއްވާ ފެނުނު ތަނުގެ 300 އެއްހާ މީޓަރު ދުރުން މަގު ކައިރީ ހުރި ގަސްތަކުގެ ތެރެއިން ހޯދާފައެވެ. އަދި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް އެނެލައިޒްކޮށް، ގާސިމް ދުއްވި ޓެކްސީ ދަތުރު ކޮށްފައިވާ މަގުތައް ވެސް ދެނެގެންފައެވެ.
ގާސިމްގެ ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުންނެވެ. އެއީ، ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ މަގެކެވެ.
ގާސިމަށް ހަމަލާ ދީފައިވަނީ ގްރޫޕަކުން ކަމަށް ބުނާއިރު، ހަމަލާ ދީފައި ހުރީ ސީދާ އޭނާގެ ކަރަށް ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެއެވެ.
ޒަހަމްތަކަކާއެކު ގާސިމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ.