ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލާމު އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ލ. ގަން، ފޮނަދޫ އަދި ހިތަދުއަށް ރައީސް ސޯލިހް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ލ. ގަމަށެވެ. ގަމަށް ވަޑައިގެން އެރަށު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން އެމަނިކުފާނު ވަނީ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ރައީސް ސޯލިހްގެ މި ދަތުރުފުޅުގެ ދެވަނަ މަންޒިލުކަމުގައިވާ ހިތަދުއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ހިތަދޫގެ ތަރައްގީއަށް ރޭވިފައިވާ މުހިންމު މަޝްރޫއުތަކާ އަދި ރަށުގެ ރައްޔިތުންގެ ހުރި މުހިންމު ކަންބޮޑުވުންތަކާ ބެހޭގޮތުން ކައުންސިލަރުން ރައީސް ސޯލިހަށް މައުލޫމާތު އެރުވިއެވެ. ރައީސް ހިތަދުއަށް ކުރެއްވި މި ޒިޔާރަތުގައި، ހިތަދޫ ސިއްހީ މަރުކަޒުގައި ހިދުމަތް ދޭންފެށިތާ 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ރައީސް ސޯލިހްގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ލ. ފޮނަދުއަށެވެ. ފޮނަދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ފޮނަދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ފޮނަދޫގެ ތަރައްގީއަށް މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.
ލާމު އަތޮޅުގެ ތިން ރަށަކަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ އެ އަތޮޅުގެ މަސްވެރިންނާ ބައްދަލުކުރައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް ވަނީ އޮޅުންފިލުއްވާފައެވެ.