ބައްސާމް އަދީލް ޖަލީލާއި، މުހައްމަދު ޝަވީދު އުޅުއްވަނީ ދިވެހި ފްޓްބޯޅަ މަރާލެއްވޭތޯ ކަމަށާއި، ދިވެހި ފުޓްބޯޅަ މަރާލައްވަން ކުރައްވާ މަސައްކަތުން އަތް ދޫކޮށްލެއްވުމަށް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގޮވާލައްވަފިއެވެ.

އާޒިމް މިފަދައިން އެދިވަޑައިގެންފައި ވަނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު، ދިވެހި ފުޓްބޯޅަ "މަރާލެވޭތޯ" މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

މާތް ކަލާކޯ ފުޓުބޯޅަ ކުރިއެރުމުގެ ވާހަކަ ނުދައްކާ. ދިވެހި ފުޓުބޯޅަ ވަޅުލާ ފަސްއެޅުމުގެ ޕްރޮގްރާމްތަކެއް ސަވީދު އާއި ދެމީހުންވެގެން ހިންގަމުން ތިޔަޔަދަނީ. ދިވެހި ފުޓްބޯޅައިގެ ކަރުގައި ހިފައި އެ މަރާލެވޭތޯ ކުރާ މަސައްކަތުން ދެއަތް ދޫކޮށްލާ. ފުޓުބޯޅަ ދެކެ ލޯބިވާ މީހުން އެތިބަ ރޮނީ.
އާޒިމް

އާޒިމް ވިދާޅުވީ، ޝަވީދާއި ބައްސާމް ގުޅިގެން، ގެންދަވަނީ ދިވެހި ފުޓްބޯޅަ ވަޅުލައްވައި ފަސްއެޅުއްވުމުގެ ޕްރޮގްރާމްތަކެއް ހިންގަވަމުން ކަމަށެވެ. އަދި ދިވެހި ފުޓްބޯޅަ "މަރާލެވޭތޯ" ކުރައްވާ މަސައްކަތުން އަތް ދޫކޮށްލެއްވުމަށް އެދިވަޑައިގަންނަވަމުން އާޒިމް ވަނީ އެއީ ފުޓްބޯޅަ ދެކެ ލޯބިވާ މީހުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ސިފަކުރައްވާފައެވެ.

އާޒިމް މިހެން ވިދާޅުވީ، ވިލިމާލޭގައި ފުޓްބޯޅަ ދަނޑުގައި ބިންގާ އެޅުމާ ގުޅިގެން ބައްސާމް ކުރެއްވި ޓްވީޓެއްގައި އެއީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވުމުންނެވެ.