އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ޝާއިއުކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަރުކާރުން މިއަދު އުވާލައިފިއެވެ.

ޔޫތް މިނިސްޓްރީން މިއަދު ބުނީ އެމްޑީއެންް އުވާލުމަށް ރެޖިސްޓްރާ އޮފް އެންޖީއޯސް އިން ނިންމުމާ ގުޅިގެން ޖަމިއްޔާތަކުގެ ގަވާއިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި ދަރައްޏާއި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށް މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެޖަމިއްޔާއިން އެއްވެސް އެއްޗެއް އަންގާފައިނުވާ ކަަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެޖަމިއްޔާ ރަސްމީކޮށް އުވާލާފައިވާ ކަމަށް ޔޫތް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެމްޑީއެން މިއަދު އުވާލާފައި ވާއިރު، އެޖަމިއްޔާއިން އިން އިސްލާމް ދީނާއި ރަސޫލާއަށް ތައުހީނުކޮށް ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން، އެ ޖަމްއިއްޔާ އުވާލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އަޑު އުފުލާފައެވެ.

މޯލްޑިވިއަން ޑިޓެއިނީ ނެޓްވޯކްގެ ނަމުގައި 2004 ވަނަ އަހަރު ވުޖޫދަށް އައި އެ ހަރަކާތް 2010 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ނަމަށް ބަދަލުކޮށް މަސައްކަތްތައް ފުޅާކުރިއެވެ. ޑިޓެއިނީން ނުވަތަ ބަންދުގައި ތިބޭ މީހުންގެ ހައްގުގައި ވަކާލާތު ކުރަން އުފަންވި ހަރަކާތުގެ މަސައްކަތް ފުޅާކޮށް އެކިއެކި ދާއިރާތަކަށް އަމާޒުކޮށް ރިޕޯޓުތައް ލިޔެ ޝާއިއު ކުރަމުން ދިޔައެވެ.

އިސްލާމްދީނާ ރަސޫލާއަށް ތައުހީން ކޮށް ނެރުނު ރިޕޯޓަކީ 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއް ކަމަށް ބުނެފައި ވީ ނަމަވެސް ރިޕޯޓުގެ މައްސަލަ ފެންމަތިވީ ދާދި ފަހުންނެވެ. އަދި ކުރިން ނެރުނު ކަމަށް ބުނާ އެރިޕޯޓުގެ ކުރީގެ އަދަދުގައި އިސްލާމްދީނާއި ރަސޫލާއަށް ތައުހީން ކުރި ބައި ހިމެނޭކަން ނުވަތަ ނޫންކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.