މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މަރިޔަމް ވަހީދާގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބަލަން ނިންމައިފިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު އަދި އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒަައިނާ އާދަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރީގެ މައްސަލަ މަޖިލިސް ހުޅުވުމުން ބައްލަވާނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް ރައްޔިތުން އިތުބާރު ހޯދައިދޭން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.
"މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފަސް ޖެހުމެއްނެެތި ކުރަމުން ގެންދާނެ،" ރޮޒައިނާ ވިދާޅުވިއެވެ.
މަރީ ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޓޫރިޒަމް މިނިސްޓްރީން ދަރުބާރު ގޭގައި ބޭއްވި "ބުރަވި" ހަފްލާ ހުށަހަޅުއްވައި ދެއްވާފައެވެ. ބްރޯޑްކޮމް އަކީ ދައުލަތުގެ މިނިވަން މުއައްސަސާއެއް ކަމުގައި ވާ އިރު، އެ މުއައްސަސާގެ މެންބަރަކު ސަރުކާރުގެ މަސައްކަތެއް ކުރަން އުޅުއްވުމަކީ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެކެވެ.
އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ބްރޯޑްކޮމްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ތުހުމަތު ކުރަމުންދިޔަ އެއް ކަމަކީ މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަރު ނުދޭ ވާހަކަ ކަމަށެވެ. މިއަދު ބްރޯޑްކޮމް މިނިވަން ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ބްރޯޑްކޮމްގައި ސަރުކާރުގެ ނުފޫޒު އޮތީތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
ކުރީ ސަރުކާރުގެ ނުފޫޒު ބްރޯޑްކޮމްއަށް އޮތް ކަމަށް ބުނެ މި ސަރުކާރުން ވަނީ ކުރީގެ ބްރޯޑްކޮމްގެ ބައެއް މެންބަރުން އެ މަގާމުން ދުރުކޮށްފައެވެ. ބްރޯޑްކޮމްގެ ކުރީގެ މެންބަރު ޒައިނާ މަގާމުން ދުރުކޮށްފައި ވަނީ ވެސް އެފަދަ މައްސަލައެއްގައެވެ. އެގޮތުން، ކުރީ ސަރުކާރުން ބޭއްވި އިސް ރަށްވެހިންގެ ހަފްލާއެއް އިންތިޒާމް ކުރުމަށް އޭނާ ބައިވެރިވެފައިވާ ކަމަށް ބުނެ އޭނާއަށް ފާޑުކިއުން ވެސް އަމާޒުވެފައިވެއެވެ.