ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރ. މަޑުއްވަރީގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަޑުއްވަރީގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށާފައި ވަނީ ކުޑަކުދިންނާއި އަންހެނުނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާ ދެކޮޅަށެވެ.

ފުލުހުން ބުނީ، މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމް ތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަޑުއްވަރީގައި ކައިވެނިކޮށްގެން ކަމަށް ބުނެ، ކުޑަކުދިން ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ވަނީ ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާއި ގުޅުން ހުރި ސިއްހީ އިންތިޒާމްތަކާއި ހައްގުތަކުން އަންހެނުން މަހުރޫމު ކޮށް އެފަދަ އަންހެނުންގެ ފުރާނައާއި ސިއްހަތު ނުރައްކާތެރި ހާލަތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ހަރުކަށި ފިކުރު ފަތުރާ، އެ ފިކުރަށް ތަބާވެފައިވާ ފަރާތްތައް ހޯދާ ދެނެގަނެ، އެރަށުގެ އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ހިންގާ ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން މަޑުއްވަރީގެ ބައެއް ގެތައް ފާސްކޮށްފައި ވާއިރު، އެރަށުގެ 13 އަހަރުގެ ކުޑަ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅުނު މައްސަލައެއް ވަނީ ވަރަށް ފަހުން ފެންމަތިވެފައެވެ. އެމައްސަލާގައި އެކުއްޖާގެ މައިން ބަފައިން ވަނީ ހައްޔަރު ކޮށްފައެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއަކަށް ނިސްބަތް ވާ 6 ކުދިން ވެކްސިން ނުދީ ސްކޫލަށް ނުފޮނުވާ ގެންގުޅެމުން ދާ ކަމުގެ ތުހުމަތުގައެވެ.

12 އަހަރުގައި ބަލިވެ އިނދެ 13 އަަހަރުގައި އެ އަންހެން ކުއްޖާ ވިހެއި މައްސަލަ ފެންމަތިވެފައި ވަނީ، ރ. މަޑުއްވަރީ ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ޒުވާނަކަށް ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު. އޭނާގެ ބަންދަށް 15 ދުވަސް ވަނީ އިތުރު ކޮށްފައެވެ.