ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ބ.ކިހާދޫ ކުޑަކުދިންގެ ޕާކުގަައި ކުދިން ކުޅޭ ސާމާނު ބަހައްޓައި އެ ޕާކް ބޭނުން ކުރަން ފަށައިފިއެވެ.

ކިހާދޫ ކުޑަކުދިންގެ ޕާކު ތަރައްގީ ކޮށްފައިވަނީ ސެލްފް ސޯލާ ލައިޓް ހަރުކޮށް ތިމާވެއްޓާ ރައްޓެހި ޕާކެއްގެ ގޮތުގައެވެ. އެގޮތުން ޕާކު އަލިކުރުމަށް އިތުރު ކަރަންޓެއް ބޭނުންމެއް ނުކުރާނެއެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރ ގައި ހޮވުނު 5 ޕްރޮޖެކްޓް ގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.

ކިހާދޫ ގައި ތަރައްގީ ކުރެވިގެންދިޔަ ކުޑަކުދިންގެ ޕާކަކީ ބ.ކިހާދޫ އަށް ނިސްބަތްވާ ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލް އިސްނަގައިގެން އެރަށުގެ ކުޑަކުދިންނަށް ހެލިފެލިވެ އުޅުމަށާއި، ކުޑަކުދިންނާ ގުޅޭ އެކިއެކި ހަރަކާތްތައް ހިންގުމަށާއި މައިންބަފައިން ދަރިންނާއިއެކު ވަގުތު ހޭދަކޮށްލުމަށް ގާއިމް ކުރެވުނު މާހައުލެކެވެ. އެގޮތުން މި ޕާކުގެ ވަށާ ފާރުގައި ހަރުކުރުމަށް ބޭނުންވާ ސެލްފް ސޯލާ ލައިޓާއި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ބޭނުންވާ ކުޑަކުދިންގެ ކުޅޭ ސާމާނު ހޯދުމަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑު: ކިހާދޫ ކުޑަކުދިންގެ ޕާކަށް ފުރިހަމަކަމެއް / ފޮޓޯ: ބީއެމްއެލް

މިކަމާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކާއި މާލީ ގޮތުން ދިމާވެފައިވާ ދަތިތަކާ ގުޅިގެން މަޑުޖެހިފައިވާ މިފަދަ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ބޭންކުގެ އަމާޒަކީ ރަށްރަށުގެ ތަރައްގީ އަށް ކޮމިއުނިޓީ ފަންޑުގެ އެހީގައި މިފަދަ ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކު ނިންމާލެވުން ކަމަށް ސައީދު ވިދާޅުވިއެވެ.

ކިހާދޫ ކުޑަކުދިންގެ ޕާކު ބޭނުންކުރަން ފެށުމާއި ގުޅިގެނއ އެރަށު ޑިވަލޮޕްމަންޓް ސޮސައިޓީ ގެ ފަރާތުން އިބްރާހިމް ވަސީމް ވިދާޅުވީ، މި ޕާކުވެގެން ދާނީ މިރަށުގެ ކުޑަކުދިންނަށް ލިބޭ ވަރަށް ބޮޑު ހަދިޔާ އަކަށް ކަމަށާއި އެގޮތުން އާއިލާއާއެކު އެކުދިން އުފާވެރިކަމާއެކު ކުޅިވަރު ކުޅެލާނެ ރައްކާތެރި މާހައުލެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. ވަސީމް ވިދާޅުވީ މިއީ ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލްއިން އިސްނަގައިގެން ކުރިޔަށް ގެންދަން މަސައްކަތް ފެއްޓި ޕްރޮޖެކްޓެއް ކަމަށާއި، އެގޮތުން އެކިފަރާތްތަކުގެ އެހީގަ ވަރަށް ގިނަ މަސައްކަތް ކުރެވިގެންދިޔަ ކަމަށެވެ. ނަމަވެސް މާލީ ދަތިތަކާއެކު ޕާކް ހުޅުވަން ބޭނުންވާ، ފިނިޝިންގެ މަސައްކަތްތައް ނުކުރެވިފަ ތިއްބާ މި ޕާކް ހުޅުވޭ ހިސާބަށް މިދެވުނީ ބީއެމްއެލްގެ އެހީތެރިކަމާއެކު ކަމަށެ އޭނާ ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.