ރ. މަޑުއްވަރީ ބައެއް ގެތަކުގައި އަންހެނުންނާއި ކުޑަކުދިން ބަންދުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި މަޑުއްވަރީގެ ގެތައް ފުލުހުން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ވަނީ މިއަދު ފަށާފައެވެ. މި އޮޕަރޭޝަނަކީ ކުޑަކުދިންނާއި އަންހެނުނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާއި ދިނުމުގެ އަމަލުތަކަށް މީހުން އަހުލުވެރުކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާއިި ދެކޮޅަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ހިންގާ އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ، މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިންގެ މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިން ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުންގެ ހައްގުން މަހުރޫމުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މަޑުއްވަރީގައި ކުޑަކުދިން މީހުންނާއި ކައިވެނިކޮށްގެން ކަމަށް ބުނެ، އެކުދިންގެ ތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ވަނީ ދަރިމައިވުމައި އުފަންވަނިވި ސިއްހަތާއި ގުޅުންހުރި ސިއްހީ އިންތިޒާމްތަކާއި ހައްގުތަކުން އަންހެނުން މަހުރޫމުކޮށް އެފަދަ އަންހެނުންގެ ފުރާނައާއި ސިއްހަތަށް ނުރައްކާތެރި ހާލަތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ހަރުކަށި ފިކުރު ފަތުރާ، އެ ފިކުރަށް ތަބާވެފައިވާ ފަރާތްތައް ހޯދާ ދެނެގަނެ، އެރަށުގެ އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ގާނޫނީގޮތުުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ސިފައިން ގުޅިގެން އަޅަމުންދާނެ ކަމަށެވެ. މީގެ އިތުރުން މި އޮޕަރޭޝަނުގައި ރ. މަޑުއްވަރީއާއި އެ ސަރަހައްދުގެ އެހެނިހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކިބައިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާތީ އެކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ފުލުހުން މަޑުއްވަރީގެ ބައެއް ގެތައް ފާސް ކުރަމުން ގެންދާއިރު، އެރަށުގެ 13 އަހަރުގެ ކުޑަ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅުނު މައްސަލައެއް ވަނީ ވަރަށް ފަހުން ފެންމަތިވެފައެވެ. އެމައްސަލާގައި އެކުއްޖާގެ މައިން ބަފައިން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ދީނުގެ ނަމުގައި ހަރުކަށީ ވިސްނުން ގެންގުޅޭ އާއިލާއަކަށް ނިސްބަތް ވާ 6 ކުދިން ވެކްސިން ނުދީ ސްކޫލަށް ނުފޮނުވާ ގެންގުޅެމުންދާ ކަމުގެ ތުހުމަތުގައިއެވެ.
12 އަހަރުގައި ބަލިވެ އިނދެ 13 އަަހަރުގައި އެ އަންހެން ކުއްޖާ ވިހެއި މައްސަލަ ފެންމަތިވެފައި ވަނީ، ރ. މަޑުއްވަރީ ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ޒުވާނަކަށް ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެ ކުއްޖާ އާއި މި ޒުވާނާ ކައިވެނިކޮށްފައި ވަނީ ކޯޓުން ބޭރުގައެވެ. އެކުއްޖާ ވިހެއި ދަރިފުޅަކީ އެ ޒުވާނާގެ ދަރިއެއްކަން ޑީއެންއޭއިން ވަނީ ކަށަވަރުވެފައެވެ. އެމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު. އޭނާގެ ބަންދަށް 15 ދުވަސް ވަނީ އިތުރު ކޮށްފައެވެ.